މިދިޔަ މަހު އަޅުގަނޑު މެރަތަންއެއްގައި ބައިވެރިވުމަށް އިންޑިއާގެ ބެންގަލޫރަށް ދަތުރެއް ކުރީމެވެ. މިދަތުރުގައި އަޅުގަނޑު ބައިވެރިވީ ރާއްޖޭގެ މަޝްހޫރު މެރެތަން ދުވުންތެރިއެއްކަމަށްވާ ނަސްރުﷲ އާއިއެކު އެވެ. ނަސްރުﷲ އަކީ މެރަތަން ދުވުމުގެ މައިދާނުގައި އެހެން އެއްވެސް ދިވެއްސަކަވުރެ ކުރީގައި އުޅޭ ދުވުންތެރިއެކެވެ. އިންޑިއާގެ ސްރީރާމް ޕްރޮޕަޓީސް އިން އިންތިޒާމު ކޮށްގެން 13 އޮކްޓޫބަރ 2019 ގައި ބެންގަލޫރު ގައި އޮތް މި މެރަތަން އަކީ ނަސްރުﷲ ގެ 50 ވަނަ މެރަތަންއެވެ. މިއީ ދިވެއްސަކު މިހާތަނަށް އެންމެ ގިނަ މެރަތަން ހަމަކުރި އެތުލީޓެވެ.

އަޅުގަނޑުގެ މިއީ 8 ވަނަ މެރަތަންއެވެ. އަޅުގަނޑަށް ދުވެވުނު އެއްވެސް މެރިތަން އެއް އަދި ނަސްރުﷲ ޖެހި 50 މެރަތަން ދުވުނު ގަޑިއާ އެއްވަރަކަށް ނުޖެހެއެވެ. އަދި އަޅުގަނޑު އަމިއްލައަށް އުއްމީދު ކޮށްގެން ހުންނަ ރެކޯޑާ ހަމައަށް ދުވެވުނު މެރަތަން އެއްވެސް ނެތެވެ. އެހެންކަމުގައިވިޔަސް އަޅުގަނޑު އެހާމެ ޝައުޤުވެރިކަމާއެކު ކުރާ ހިތްވާ ކަމެއް، ކުރުމުގެ ތައުފީޤް ދެއްވައި، ރަނގަޅު ސިއްހަތެއްގައި ލަހައްޓަވައި، އަޅުގަނޑަށް މިކަން ކުރެވޭތީ ﷲ އަށް ހަމްދާއިޝުކުރު އަބަދު މެ އަބަދު ކުރަމެވެ.

ބެންގަލޫރުގެ މޫސުން މެރަތަން ދުވަމަށް ރަނގަޅެވެ. ފަތިހު، މެރަތަން ފެއްޓި ގަޑީގައި ހުރީ 22 ޑިގްރީ ސެލްސިއަސް އެވެ. ބެންގަލޫރުގައި އިރު އަރަނީ ރާއްޖޭގައި އިރުއަރާ ގަޑިއަށްވުރެ ލަސްކޮށެވެ. އެހެންކަމުން މެރަތަން ނިންމި ގަޑީގައި ތަން ކޮޅެއް ހޫނުވި ކަމުގައި ވިޔަސް ރާއްޖޭގައި މިހުންނަ ގަދަ ހޫނެއް ނެތެވެ. މެރަތަން ފެއްޓީ ސްޓޭޑިއަމް އަކުން ނެވެ. ދުވަން އޮތީ 21 ކިލޯމީޓަރު ގެ 2 ބުރެވެ. ނިންމަން އޮތް އެންމެ ފަހު 6 ކިލޯ މީޓަރު ދުވުނީ ފެހިކަން ގަދަ ޕާރކެއްގެ ތެރެއިން ލާފައެވެ. އެހެން ކަމުން ހިޔާވެފައި މަންޒަރު ވަރަށް ހިތްފަސޭހައެވެ.

އަޅުގަނޑަކީ ހުސްފައިގައި ދުވުމާއި ދުރުމީހެކެވެ. އަޅުގަނޑު ހީކުރި ވަރަށް ވުރެ ގިނަ މީހުން މިރޭހުގައި ހުސްފައިގައި ދުވިއެވެ. ހާއްޞަކޮށް ބައި މެރަތަންގައި ހުސްފައިގައި ދުވި ދުވުންތެރިން ގިނަކަމަށް ފާހަގަކުރެވުނެވެ.

[caption id="attachment_1058" align="alignleft" width="200"] ރޭސް ނިންމަން ގާތްގަޑަކަށް 4 ކިލޯ މީޓަރު[/caption]

މިދަތުރުގައި އަޅުގަނޑުމެން ދެމީހުން ތިބީ ދުވުން ފައްޓާ ހިސާބާ ގާތްގަޑަކަށް އެންމެ 800 މީޓަރު ދުރުމިނުގައި ހުރި ހޮޓަލެއްގައެވެ. މިހޮޓަލަކީ ބުޓިކް ހޮޓަލެއްކަމުގައި ވިޔަސް ވަރަށް ރީތި އަދި ހޮޓަލުގެ ޚިދުމަތްތައް ވަރަށް ރަނގަޅަށް އިންތިޒާމް ކުރެވިފައި ހުރި ހޮޓަލެކެވެ. އަޅުގަނޑަށް އެންމެ ކަމުދިޔައީ މިހޮޓަލުގެ ކެއުން މީރުވީމައެވެ. ޚާއްޞަކޮށް ބިރިޔާނި ވަރަށް މީރެވެ.

މިދަތުރުގައި އަޅުގަނޑު އިންޑިއާގައި 4 ދުވަހު މަޑުކުރީމެވެ. އަޅުގަނޑަށް ފާހަގަ ކުރެވުނު އެންމެ ބޮޑުކަމަކީ އެއްގަމު ދަތުރުތައް 3 ފުރޮޅުލީ ކުރޮޅީގައި ކުރާއިރު ޑްރައިވަރުން އެކިފަހަރު އެކި އަގުތައް ކިޔާކަމެވެ. އެހެންކަމުން ތަނަކަށް ދާން ހިނގާނެ އަސްލު ޚަރަދެއް ނޭގެއެވެ. އެހެން ޤައުމު ތަކެކޭ އެއްގޮތަށް އޫބާ އާއި އިންޑިއާގެ އޯލާ ކިޔާ އެޕަކުން ދަތުރު ކުރާނެ އުޅަނދެއް ހޯދުމުގެ ފަސޭހަކަން ވެސް ލިބެން ހުރެއެވެ. ނަމަވެސް އެހެން ޤައުމުތަކާއި އެއްވަރަށް އަދި މިޚިދްމަތްތައް ބޭނުން ކުރާހެންނެއް ހިއެއްނުވެއެވެ. ކޮންމެއަކަސް އަޅުގަނޑު އެއަރޕޯޓަށް ދިއުމަށް ޕްރައިވެޓް ކާރެއް ރިޒާވް ކުރީމެވެ. އެފަހަރު އަޅުގަނޑަށް ވަރަށް ރަނގަޅު އަގު ލިބުނެވެ. މިހެން މިދެންނެވީ އެއަރޕޯޓުން ހޮޓަލަށް އައުމަށް އަޅުގަނޑު ނެގި ޕްރައިވެޓް ކާރަށް ވުރެ ބޮޑުތަނުން އަގު ހެޔޮވީމައެވެ.

އަޅުގަނޑު އިންޑިއާއަށް ދިޔައީވެސް އަދި އެނބުރި އައީވެސް ގޯ އިންޑިއާ އެއަރލައިން އިންނެވެ. ރާއްޖެ އެނބުރި އައި ދަތުރުގައި އަޅުގަނޑަށް ފާހަގަ ކުރެވުނީ ފްލައިޓްގަ ފަސިންޖަރުންނަށް އެހީތެރިވާ ކުރޫންނަށް ތިބީ ހުސް އަންހެނުން ކަމެވެ. ފްލައިޓުގެ އެހީތެރިން އަޅުގަނޑު ގާތު ސީޓް ބަދަލުކޮށްލެވިދާނެތޯ އެހިއެވެ. އެމެޖެންސީ ދޮރުކައިރީގައި ހުރި ގޮނޑީގައި މީހަކު އިންނަންޖެހޭކަމަށް ވާތީ އެތަނަށް ބަދަލުވެވިދާނެތޯއެހިއެވެ. އެހެންކަމުން އެބުނާ ގޮނޑިޔަށް ބަދަލު ވީމެވެ. ދެން އަޅުގަނޑުވެސް ހިމެނޭގޮތަށް، އެމެޖެންސީ ދޮރުކައިރީ ތިބި 4 މީހުންނަށް އިމެޖެންސީ ހާލަތެއް ދިމާވާ ހިނދު ދޮރުހުޅުވަން ޖެހޭނެކަމާއި ދޮރު ހުޅުވަން ޖެހޭ ގޮތް އެއަރހޮސްޓެސް ކިޔައިދިނެވެ. އަދި އިމެންޖެންސީ ދޮރު ކައިރީގައި އިންނަ މީހަކަށް އެއްވެސް ދަބަހެއް އެއްޗެއް ގޮނޑިދަށުގައި ނުބެހެއްޓޭނެކަމަށް ބުންޏެވެ. މީ އަޅުގަނޑު މިހާތަނަށް ކުރި އައު ތަޖްރިބާ އެކެވެ.

ކޮންމެއަކަސް ދަތުރުގެ ކަންކަން ދިޔައީ ވަރަށް ރަނގަޅަށެވެ. ހިތްހަމަޖެހެއެވެ. އަނެއްކާވެސް އެހެން މެރެތަނަކުން އާދަތުރަކަށް އުއްމީދުކުރަމެވެ.