ކުރީ ޒަމާނުގައި ދަތުރުފަތުރު ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެންކަމުން ދަތުރުކޮށްގެން އެކި ޤައުމުތަކަށާއި އެކި ސަރަޙައްދުތަކަށް މީހުންނަށް ދެވުމުން، އެ ޤައުމުތަކުގައި އެތައް ދުވަހެއް ވަންދެން މަޑުކުރަން ޖެހެއެވެ. ސަބަބަކީ އަލުން އެނބުރި އަމިއްލަ ވަޒަނަށް ދިއުމަކީ ވެސް އެހާމެ ދަތި އުނދަގޫ ކަމަކަށް ވާތީއެވެ. މިސާލަކަށް ބަލާއިރު، ރާއްޖެއަށް ޒިޔާރަތްކުރި މަޝްހޫރު ސައްޔާޙު އިބްނު ބަޠޫޠާ، އޭނާގެ މުޅި ދަތުރުގައި ސައުވީސް އަހަރު ހޭދަކުރެއްވިއެވެ. ހަމަ މިފަދައިން އެކި ޒަމާންތަކުގައި ދިވެހިން ވެސް ދުނިޔޭގެ އެކި ހިސާބުތަކަށް ގޮސް، އެތައް ޒަމާނެއް ވަންދެން ދިރިއުޅެފައިވާ ކަމަށް ވެއެވެ. އަދި ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް ބެލި ކަމުގައި ވިޔަސް، އިރުވައި މޫސުމުގައި ކުރާ ދަތުރުތަކާއި ހުޅަނގު މޫސުމުގައި ކުރާ ދަތުރުތަކުގައި ހޭދަވާ ވަގުތު ބިނާވެފައި އޮންނަނީ އެކި މަންޒިލުތަކުގައި ގިނަ ދުވަހު މަޑުކުރަން ޖެހޭނެ ކަމަށް ބަލައިގެންނެވެ. އެ ޒަމާނުގައި އެންމެންވެސް ޤަބޫލުކުރަނީ ދަތުރުމަތީގައި ރަށްރަށުގައި ތިބެން ޖެހިދާނެ ކަމަށާއި، އަދި ބައެއް މީހުން އެގޮތަށް ތިބެ ވަޒަންވެރިވެސް ވެދާނެ ކަމަށެވެ. އެ ޒަމާނުގައި ކަންކަން ހިނގައިދިޔަ ގޮތުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންނަށް މިއަދު ފެންނަން އޮތް ޙަޤީޤަތަކީ، ރާއްޖޭގައި މީހުން ވަޒަންވެރިވެފައި ވަނީ އެކި ޤައުމުތަކުން ދަތުރުކުރި މީސްތަކުންގެ ފަރާތުން ކަމެވެ.

މިއީ ހަމައެކަނި ރާއްޖެއަށް އޮތް ގޮތެއް ނޫނެވެ. އެހެން ހުރިހާ ޤައުމެއްގައިވެސް މީހުން ވަޒަންވެރިވެފައި ވަނީ މިފަދަ ގޮތަކަށެވެ. އެކި ހިސާބުތަކުން ރާއްޖެއަށް މީހުން އައިސްފައިވެއެވެ. އަޅުގަނޑުމެންގެ ޑީ.އެން.އޭ (DNA) ބަލައި ދިރާސާކޮށްފިނަމަ، އަޅުގަނޑުމެންގެ ދަރިކޮޅުތަކުގެ އަސްލު ގުޅިފައިވަނީ ކޮން ސަރަޙައްދުތަކަކާ ކަން އެނގޭނެއެވެ.

ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމު ކުރިއަރަން ފެށީ އަށާރަވަނަ ޤަރުނުގެ ތެރޭގައެވެ. ސްޓީމް އިންޖީނު އުފެދި، ޑީސަލް އިންޖީނަށް ބަދަލުވެ، ބޮޑެތި އިންޖީނުތައް ތަޢާރަފުވެ، އަދި ވައިގެ މަގުން ދަތުރުކުރެވެން ފެށުމާއެކު، އިޤްތިޞާދީ އަދި ސިޔާސީ ވާދަވެރިކަން ބޮޑުވެ ހަނގުރާމަތައް ފެށުނެވެ. މިގޮތުން ދުނިޔޭގެ ފުރަތަމަ އަދި ދެވަނަ ބޮޑުހަނގުރާމަ ކުރިމަތިވިއެވެ. މި ހަނގުރާމަތައް ހިނގައިދިޔައިރު އިންސާނުންނަށް ހީވީ ދުނިޔެ ނިމުމަކާ ދިމާއަށް ދަނީ ކަމަށެވެ. އެއީ އެ ހަނގުރާމަތަކުގެ ގެއްލުމާއި ނުރައްކާތެރިކަން އެހާވެސް ބޮޑުވީމައެވެ.

 

ޤައުމިއްޔަތު ދިރުން

ދުނިޔޭގެ ފުރަތަމަ އަދި ދެވަނަ ބޮޑުހަނގުރާމަ މިހާ ވަރުގަދަކޮށް ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިވީ ވެސް، ކުރިއަރަމުން އައި ދަތުރުފަތުރުގެ ވަސީލަތްތަކުގެ ސަބަބުންނެވެ. މި ދެ ހަނގުރާމައަށް ފަހު، ޤައުމުތަކުގެ ސަރަޙައްދީ އިންތައް އަލުން ކަނޑައެޅިގެން ދިޔައެވެ. މިގޮތަށް ވަކި ސަރަޙައްދެއްގައި ދިރިއުޅޭ މީސްތަކުންގެ އިން ވަކިކުރެވުމާއެކު، އެ ޤައުމުތަކުގައި ޤައުމިއްޔަތު އާލާވާން ފެށިއެވެ.

ޚާއްޞަކޮށް ދެވަނަ ބޮޑުހަނގުރާމައަށް ފަހު، ހަނގުރާމަ ކާމިޔާބުކުރި އެކުވެރި ބާރުތަކުން (Allied Forces) ދުނިޔޭގެ ޗާޓު ކުރަހައިލީ އެބައިމީހުން އެދުނު ގޮތަކަށެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން އުއްމީދުކޮށްގެން ތިބީ، ޤައުމުތަކުގެ ސަރަޙައްދު ވަކިކުރެވުނު ކަމުގައި ވިޔަސް، އެ ޤައުމުތައް އަބަދުވެސް އޮންނާނީ ބޮޑެތި ބާރުތަކުގެ ނުފޫޒުގެ ދަށުގައިކަމަށެެވެ.

ނަމަވެސް އަހަރުތަކެއް ފަހުން، އިސްތިޢުމާރާ ދެކޮޅަށް ޤައުމުތައް ތެދުވަން ފެށިއެވެ. ޤައުމުތަކުގެ ސަރަޙައްދުތަކުގައި ހުރި ވަސީލަތްތަކުގެ އަގު، އެ ޤައުމުތަކުގެ ރައްޔިތުންނަށް ވިސްނެން ފެށިއެވެ. ވަކި ސަރަޙައްދެއްގައި އެބަޔަކު ނިސްބަތްވާ ދިދައަކާއި، ޤައުމީ ސަލާމަކާއި، އެއް ބަހަކުން ވާހަކަދައްކާ ވަކި ނަސްލެއް ނުވަތަ ދަރިކޮޅެއް އޮވެއްޖެނަމަ، އެބައެއްގެ ޤައުމިއްޔަތު ދިރިގަންނާކަށް ގިނަ ދުވަހެއް ނުނަގާނެއެވެ. މިގޮތުން އެބަޔަކު ނިސްބަތްވާ ޤައުމުގެ ވަސީލަތްތައް ޙިމާޔަތްކުރުމަށްޓަކައި، އެހެން ޤައުމުތަކުން މީހުން އައުމުގެ ދޮރުތައް ހަނިކުރެވެން ފެށުނެވެ. އަދި ޤައުމުތަކަށް އެތެރެވުމަކީ ޚާއްޞަ ހުއްދައެއް ހޯދަންޖެހޭ ކަމެއްގެ ގޮތުގައި ހަމަޖެހުނެވެ. ޤައުމަކަށް އެތެރެވުމުގެ ހުއްދައަކީ އެންމެންނަށް އޮންނަ ޙައްޤެއް ނޫނެވެ. އެއީ ދަޢުލަތުން ދޭ އިނާޔަތެކެވެ. ޝަރަފެކެވެ.

ޤައުމުތަކުގެ އިޤްތިޞާދީ ވަސީލަތްތައް ރައްކާތެރިކޮށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި އިޤްތިޞާދު ތަރައްޤީކުރުމަށްޓަކައި، ޤައުމުތަކުން ވިސާގެ އެކި އުޞޫލުތައް އެކުލަވައިލިއެވެ. އެއީ ބޭރުން އައިސް ޤައުމުގައި އިންވެސްޓްކުރާ (އިސްތިޘްމާރުކުރާ) ފަރާތްތައް ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓުމަށެވެ.

އިހުގެ ޒަމާނުގައި ދުނިޔެ އޮތީ މިހާރަށްވުރެ ބޮޑަށް ހުޅުވިފައެވެ. މިއަދު އަޅުގަނޑުމެން 'ބަވަނަވުން' (ގްލޯބަލައިޒޭޝަން) އޭ މި ކިޔަނީ ދުނިޔެ ހުޅުވި، ވިޔަފާރިތަކަށް ސަރަޙައްދީ އިންތައް ފަހަނައަޅައި ގޮސް އިންވެސްޓްކުރުމުގެ ފުރުޞަތު ފަހިވެފައި އޮތުމަށާއި، ޓެކްނޮލޮޖީގެ ސަބަބުން އެންމެން އެއްވެސް ހުރަހެއް ނެތި ގުޅިފައިވާތީއެވެ. ނަމަވެސް މިއަދުގެ ސަރަޙައްދީ އިންތައް (ބޯޑަރުތައް) ކަނޑައެޅިފައިވަނީ ވަރަށް ސާފުކޮށް، އެބައެއްގެ ވަންތަކަން ދެމެހެއްޓޭނެ ފަދަ އިންތިޒާމެއްގެ ދަށުންނެވެ.

 

ކުދި ޤައުމުތައް އުފަންވުން

ދެވަނަ ބޮޑުހަނގުރާމައަށް ފަހު ކުދި ޤައުމުތަކަށް ވެސް މިނިވަންކަން ލިބެން ފެށިއެވެ. އޭގެ ކުރިން އެފަދަ ޤައުމުތައް އޮތީ ބޮޑެތި ޤައުމުތަކުގެ ބެލެނިވެރިކަމުގެ ދަށުގައެވެ. ޤައުމުތަކަށް މިނިވަންކަން ލިބެން ފެށިއިރު އުފެދުނު އެންމެ ބޮޑު ބަޙުޘަކީ، ކުދި ޤައުމުތަކަށް އަމިއްލަ ފައިމައްޗަށް ތެދުވެވިދާނެތޯ ކުރެވުނު ސުވާލެވެ.

ދެވަނަ ބޮޑުހަނގުރާމައަށް ފަހުގައްޔާއި، ފިނި ހަނގުރާމައިގެ ތެރޭގައި މިނިވަންކަން ހޯދައި، ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ތަރައްޤީތައް ހޯދާފައިވާ ކުދި ޤައުމުތައް އެބަހުއްޓެވެ. އެއީ ދުނިޔެއަށް މިސާލު ދައްކައިދީފައިވާ ޤައުމުތަކެވެ. އެހެންނަމަވެސް، މިއިން ކޮންމެ ޤައުމެއްގައިވެސް ހުރި ވަސީލަތްތަކާއި ބޭނުންކުރި އުކުޅުތައް ވަރަށް ތަފާތެވެ. އެއް ޤައުމު އަނެއް ޤައުމުން ޢިބުރަތާއި ހިތްވަރު ލިބިގަތް ނަމަވެސް، ކުރިއަރައި ދިއުމުގައި ބޭނުންކުރީ އަމިއްލަ ޙިކުމަތްތަކެވެ. ބައެއް ސިޔާސަތުތަކުގައި އެއްގޮތް ކަންތައްތަކެއް ހުރި ކަމުގައި ވިޔަސް، އެ ޤައުމުތަކުގެ ޘަޤާފަތާއި އާދަކާދަ ތަފާތެވެ. ކޮންމެ ޤައުމަކީވެސް އަމިއްލަވަންތަ ޚާއްޞަ ސިފަތަކެއް ލިބިގެންވާ ޤައުމެކެވެ.

މިގޮތުން ކުދި ޤައުމުތަކުގެ ތެރެއިން ތަރައްޤީގެ ރޮނގުގައި ފާހަގަކޮށްލެވޭ ޤައުމުތަކުގެ ތެރޭގައި އިސްރާއީލު، ސިންގަޕޫރު، ޔޫ.އޭ.އީ އަދި އަޅުގަނޑުމެންގެ ދިވެހިރާއްޖެ ވެސް މި ޞަފުގައި ހިމަނައިލެވިދާނެއެވެ.

މިއިން ކޮންމެ ޤައުމަކީވެސް އެ ޤައުމަކަށް ޚާއްޞަ ސިފަތަކަކާއި އުޞޫލުތަކެއްގެ މަތިން ތަރައްޤީ ޙާޞިލުކުރި ޤައުމުތަކެވެ. އަޅުގަނޑުމެން ވަރަށް ގިނަ ފަހަރަށް މިސާލު ނަގަނީ މިވެނި ކަމެއް ސިންގަޕޫރުގައި ކުރެޔޭ، އެހެންވީމާ އަޅުގަނޑުމެންގެ ކަންކަން ވެސް އޮންނަންވާނީ އެފަދަ ގޮތަކަށޭ ބުނެއެވެ. ނުވަތަ ދުބާއީގައި މިވެނި ސިޔާސަތެއް ވަރަށް ރަނގަޅަށް އެބަ ހިނގައޭ، އެހެންކަމުން އެކަން ނަކަލުކޮށްލައިގެން އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރެވިދާނެ ކަމަށް ދެކޭ އެތައް ސިޔާސީންނެއް އަޅުގަނޑުމެންގެ ތެރޭގައި އެބައުޅެއެވެ. މިފަދަ ވާހަކަތަކުން ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ޕޯޑިއަމްތައް ފަޅުފިލުވަމުން މިދަނީ އަޅުގަނޑުމެންގެ ވިސްނުމާ ކުޅެމުންނެވެ.

އިސްރާއީލު

މިއީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ދަޢުލަތެކެވެ. އަޅުގަނޑުމެން ބަލައިގަންނަ މުޖުތަމަޢަކަށް އެތަން ނުވި ނަމަވެސް، އެމީހުން ކުރިއެރުން ހޯދި ގޮތް ބަލާލަމާތޯއެވެ. އެޤައުމުން ދަޢުވަތު ދީގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޔަހޫދީން އެއްތަން ކުރިއެވެ. ވިލާތާއި، ޢަރަބި ކަރަތަކާއި، އެފްރިކާގެ އިތުރުން އެކި ސަރަޙައްދުތަކުގައި ތިބި ޔަހޫދީން އެއްތަންކޮށް، ދަޢުލަތެއް ބިނާކުރުމަށް ބޭނުންވާ އާބާދީ އެއްކުރީއެވެ. އަދި ދެވަނަ ބޮޑުހަނގުރާމާގައި ޔަހޫދީންނާ މެދު ވިލާތުގެ ޤައުމުތަކުން ކަންތައްކުރި ގޮތުގެ މައްޗަށް ބިނާކޮށް، "ނިކަމެތިކުރި ކަމުގެ ކާޑު" ކުޅެގެން ވިލާތުގެ ޤައުމުތަކުން އެހީއާއި ހަމްދަރުދީ މިހާރުވެސް ދަނީ ހޯދަމުންނެވެ. މިގޮތުން ލިބުނު އެހީތަކުގެ ތެރެއިން ސަލާމަތީ ކަންކަމާއި، ހަތިޔާރާއި، އެކި ދިރާސާތައް ކުރުމުގައި ކުރިއެރުން ހޯދިއެވެ. އެއީ ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރެޓިކް ވެރިކަމެއް ހިނގާ ޤައުމެއް ނަމަވެސް، އެ ޤައުމުގެ ޚާރިޖީ ސިޔާސަތަށާއި ތަރައްޤީގެ މައިގަނޑު ސިޔާސަތުތަކަށް އަންނަނީ ވަރަށް ކުދިކުދި ބަދަލުތަކެކެވެ. ސަރުކާރު ބަދަލުވިޔަސް މައިގަނޑު ސިޔާސަތުތަކަކަށް ބަދަލެއް ނާދެއެވެ. ޅަފަތުގެ ދައުރުގައި އެމީހުންނަކީ ބޮޑަށް ރަޝިޔާއާ އެކު މަސައްކަތްކުރި ބައެކެވެ. އެހެންނަމަވެސް، 1950ގެ އަހަރުތަކުން ފެށިގެން 1960ގެ އަހަރުތަކާ ހަމައަށް އައިއިރު، އެމީހުން ބަދަލުވީ އެމެރިކާއާ ވަރަށް ބޮޑަށް ގުޅިގެން މަސައްކަތްކުރާ ބަޔަކަށެވެ.

އެމީހުންގެ ނުފޫޒު ހުރި މިންވަރަކީ، ދެވަނަ ބޮޑުހަނގުރާމައަށް ފަހު އެންމެ ފުރަތަމަ އުފެދުނު ޤައުމުތަކުގެ ތެރޭގައި އެ ދަޢުލަތް ހިމެނުމެވެ. އޭރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯޖް މާޝަލް އިސްރާއީލު އުފެއްދުމާ ދެކޮޅު ހެއްދެވި ނަމަވެސް، އެމެރިކާގެ އޭރުގެ ރައީސް ހެރީ ޓްރޫމަން ވަނީ އެއީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގެންފައެވެ.

ދުނިޔޭގައި ޔަހޫދީ އާބާދީ އަކީ 15 މިލިއަނެވެ. ސިކުންގެ އާބާދީ އަކި 25 މިލިއަނެއެވެ. ޔަހޫދީންގެ ގައުމެއް އޮވެއެވެ. މިއަދު އިޒްރޭލުގެ ސިޔާސީ ފަރާތްތަކުން އެގައުމަށް ނިސްބަތްކުރާނީ ޔަހޫދީ ދައުލަތެއްގޮތަށެވެ.

ސިންގަޕޫރު

ސިންގަޕޫރަށް އަޅުގަނޑުމެން ބަލައިލައިފިނަމަ، އެއީ ގިނަ ނަސްލުތަކެއްގެ މައްޗަށް އެކުލެވިގެންވާ ސެކިއުލާ (ލާދީނީ/އަލްމާނީ) ޤައުމެކެވެ. ސިންގަޕޫރުގައި ދިރިއުޅެނީ ތަފާތު ބަސްބަހުން ވާހަކަދައްކާ، އެކި ނަސްލުތަކަށް ނިސްބަތްވާ ރައްޔިތުންނެވެ. އެހެންކަމުން އެ ޤައުމުގެ ސިޔާސަތުތަކާއި ޤަވާޢިދުތައް ހެދިފައި ހުންނަނީ އެ ހުރިހާ އެންމެންގެ މަޞްލަޙަތު އެކުލެވޭ ގޮތަށެވެ. ސިންގަޕޫރު މިނިވަންވީއްސުރެ މިއަދާ ހަމައަށްވެސް ވެރިކަން ކުރަމުން އަންނަނީ އެންމެ ޕާޓީއަކުންނެވެ. ޑިމޮކްރެޓިކް ނިޒާމެއްގެ ތެރޭގައި އެ ޤައުމު އޮތް ކަމަށް ބުނި ނަމަވެސް، ކަންކަން ހިފެހެއްޓުމުގައި ވަރަށް ހަރުކަށި އުޞޫލުތަކެއް ގެންގުޅެއެވެ. އެއް ޕާޓީއެއްގެ ވެރިކަމުގައި ބައި ޤަރުނަށްވުރެ ދިގު މުއްދަތެއް ވޭތުވެފައި ވުމުން، އެ ޤައުމުގެ ތަރައްޤީގެ ސިޔާސަތާއި ޚާރިޖީ ސިޔާސަތު އަބަދު އަބަދު ބަދަލުވާ ތަނެއް ނުފެނެއެވެ.

ސިންގަޕޫރުގެ ހާއްސަކަމަކީ ރައްޔިތުންގެ މައްސަލަތައް ހައްލުކޮށްދިނުމަށް އެޤައުމުގެ ސަރުކާރުން އިހްލާސްތެރިކަމާއެކު މަސައްކަތް ކޮށްދޭތީއެވެ.

ޔޫ.އޭ.އީ

އަޅުގަނޑުމެން މިސާލަކަށް ޔޫ.އޭ.އީ (އެކުވެރި ޢަރަބި އިމާރާތް) ނަގާއިރު، އެ ޤައުމަކީ ތެލުގެ ވަސީލަތުން މުއްސަނދި ދައުލަތަކެވެ. އެހެންކަމުން އެމީހުންގެ ތަރައްޤީ ބިނާކުރީ ތެލުން ލިބުނު ފައިސާ ބޭނުންކޮށްގެން ކުރި މަސައްކަތްތަކުންނެވެ. މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ އެ ޤައުމުގައި ފްރީ ޓްރޭޑް ސަރަޙައްދުތައް ހުރި ތަނެވެ. ބިން ގަނެވޭ ގޮތް ހަދައި، ރަށްވެހިކަން ދީ، އާމްދަނީން ޓެކްސް ނުނަގާ ތަނެވެ. ދުބާއީ މިއަދު މިވަނީ ދުނިޔޭގެ އެންމެންނަށްވެސް ވަޒަންވެރިވެވޭ ގޮތަށް ހުޅުވައިލެވިފައެވެ. އެ ޤައުމުގެ ރައްޔިތުންނަށް ލިބެންޖެހޭ މާލީ ޙައްޤުތަކާއި އެހީތެރިކަން ހަމަޖައްސައިދީފައި ވަނީ ތެލުގެ ވިޔަފާރިން ލިބޭ މަންފާއިންނެވެ. އެ ޤައުމުގައި ހިނގަނީ ރަސްކަމުގެ ނިޒާމެކެވެ.

ދިވެހިރާއްޖެ

ރާއްޖެއަކީ 1980ގެ އަހަރުތަކުގައި ވެސް ވަރަށް ބޮޑަށް ރަށްފުށުގެ ދިރިއުޅުމެއް އޮތް ޤައުމެކެވެ. ޤައުމުގެ އާބާދީގެ ބޮޑުބައި އޮތީ އަސާސީ އެތައް ޚިދުމަތަކުން މަޙްރޫމުވެފައެވެ. އަދި އާބާދީގެ ގިނަ ބަޔަކު ތިބީ ހޭލުންތެރިކަން ކުޑަ ޙާލަތެއްގައެވެ. ރާއްޖޭގައި ފަތުރުވެރިކަން (ޓޫރިޒަމް) ތަރައްޤީވުމާއި މަސްވެރިކަމުން އެކަށީގެންވާ އާމްދަނީއެއް ލިބެން ފެށުމަކީ ރަށްރަށުގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަން ފެށި ހިސާބެވެ. މި ދެ ޞިނާޢަތަކީ ދިވެހިންގެ އަމިއްލަ ބުރަ މަސައްކަތުން ކުރިއަރައިގެން ދިޔަ ދެ ޞިނާޢަތެވެ.

މިއަދު ދުނިޔޭގެ ބޮޑެތި ބްރޭންޑްތަކުގެ ސަމާލުކަން ރާއްޖެއަށް ލިބިފައި މިވަނީ، ރާއްޖޭގައި ތިބި ވިޔަފާރިވެރިންނާއި ސަރުކާރު ގުޅިގެން ކުރެވުނު މަސައްކަތްތަކުންނެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިފަހަކަށް އައިސް މިދަނީ އޮޔާ ކަމަށް ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެހެން ޤައުމުތަކުން މިއަދު އަޅުގަނޑުމެން މިންއަޅަނީ ހަރުދަނާ ދަޢުލަތެއްގެ ގޮތުގައެއް ނޫނެވެ. އަބަދުވެސް ބަޖެޓުގެ ދެކޮޅު ނުޖެހިގެން އެހީތެރިކަމެއް ހޯދުމަށް ސަލާންޖަހަން ދުވާ ޤައުމެއްގެ ގޮތުގައި މިހާރު އޮންނާނީ ގިންތިކުރެވިފައެވެ.

މުޙުތާދެއް އޮވެގެން އަބަދު އެހެން ޤައުމުތަކުގެ ކުރިމައްޗަށް އަރަން ޖެހުމުން، އެކަމުގެ ނާޖާއިޒު ފައިދާ އެހެން ޤައުމުތަކުން ނަގާނެއެވެ. ޢާންމު ރައްޔިތުން މިއަދު ޝަކުވާކުރާ ގިނަ ކަންކަމަކީ، މިފަދަ މާލީ ދަތިތަކުގެ ސަބަބުން ސަރުކާރުތަކުން ބޮލުގައި އަޅާފައިވާ ކަންކަމެވެ.

ރާއްޖެ މިސްރާބު ހުރީ ކޮންގޮތަކަށް

ތަރައްޤީވެފައިވާ ކުދި ޤައުމުތަކުގެ ކާމިޔާބީގެ ސިއްރަކީ، އެ ޤައުމުތަކުގެ މިނިވަންކަން ދިފާޢުކޮށް، ސާބިތު އެއް ސިޔާސަތެއްގެ މަތީގައި ދެމިތިބުންކަން ސާފުކޮށް ފެންނަން އެބައޮތެވެ. އަޅުގަނޑުމެން ބަލައިލުމުން ފެންނަނީ، އެ ޤައުމުތަކުން ވެރިކަން ބަދަލުވިޔަސް ބަދަލުކުރަނީ ވަރަށް ކުދިކުދި ސިޔާސަތުތަކެއް ކަމެވެ.

ރާއްޖެ މިދަނީ ކޮން މިސްރާބަކަށް؟ އަޅުގަނޑުގެ މިއަދުގެ ސުވާލަކީ، ބޭރުގެ ފަރާތްތައް ރާއްޖޭގައި ވަޒަންވެރި ކުރުވަނީ ފަތުރުވެރިކަން ތަރައްޤީކުރަން ހެއްޔެވެ؟ ނުވަތަ ރާއްޖޭގެ ކޮންސްޓްރަކްޝަން ޞިނާޢަތް ކުރިއަރުވަން ހެއްޔެވެ؟ ވަޒަންވެރިކަން ދިނުމުން ޤައުމުގެ މުސްތަޤުބަލަށް އަންނާނީ ކޮންކަހަލަ ބަދަލުތަކެއް ހެއްޔެވެ؟ ކަށަވަރުވާ ކަމަކީ، ސަރުކާރުގެ މި ސިޔާސަތާ މެދު ރައްޔިތުންގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އެބަހުރި ކަމެވެ.

މި ސުވާލުތަކުގެ ސީދާ ޖަވާބެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި މިފަދަ ކަންކަން ހިނގާފައިވާ ގޮތް ބެލިދާނެއެވެ. އެހެންނަމަވެސް، މިއީ އަޅުގަނޑުމެންގެ ރާއްޖޭގެ ޙާލަތުގައި ކުރަން އެކަށީގެންވާ ކަމެއް ހެއްޔެވެ؟ ރާއްޖޭގެ މާޙައުލުގައި މިކަން ހިނގާނީ ވަކި މިވެނި ގޮތަކަށޭ ސީދާ ބުނެދޭކަށް އެކަކަށްވެސް ނޭނގޭނެއެވެ.

އެހެންނަމަވެސް އަޅުގަނޑުމެން ވިސްނާލަން ޖެހެނީ، އަޅުގަނޑުމެންގެ އަތުގައި މިއޮތް ބިމަކީ ރާއްޖޭގެ ނިސްބަތުން ވަރަށް މަދު އެއްޗެއް ކަމެވެ. އެއާއެކު އަޅުގަނޑުމެންގެ އިންސާނީ ވަސީލަތްތަކަކީ ވެސް މަދު އެއްޗެއް ކަމާއި، އަދި ބޮޑެތި މަޝްރޫޢުތައް ހިންގަން ބޭނުންވާ މިންވަރަށް މާލީ ތަނަވަސްކަމެއް ވެސް ނެތް ކަމެވެ.

މިވަގުތު އަޅުގަނޑުމެންނަށް ލިބޭ ޢާމްދަނީން، ދިވެހި ހަތަރު ލައްކައެއްހާ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދީގެން އުޅެވޭ ވަރު އަޅުގަނޑުމެންނަށް އެބަ ލިބޭ ހެއްޔެވެ؟ އެކަށީގެންވާ ރެވެނިއު ލިބޭ ކަމަށް ވަނީނަމަ، ސަރުކާރުން އިތުރު ކޮން ޙަރަކާތެއް ހިންގުމުގެ ނިޔަތެއް ހެއްޔެވެ އޮންނަންވީ؟ މިހާރު ލިބޭ އެއްޗެއް އެންމެ ފުރިހަމަ ގޮތުގައި މެނޭޖުކުރުމުގެ ވެރިކަމެއް ސަރުކާރުން ކޮށްދިނުމުން، ވިޔަފާރިތައް ކުރިއެރުވުމުގެ މަސައްކަތް ޤައުމުގެ ރައްޔިތުން ކުރަމުން ގެންދާނެއެވެ.

މިހާރުވެސް މި ރާއްޖޭގައި ނުވަދިހަ ނުވަ އަހަރަށް ވިއްކާފައި ހުރި ބިންތައް އެބަހުއްޓެވެ. މީގެ ދުވަސްކޮޅެއް ކުރިން އަޅުގަނޑުގެ ރައްޓެއްސަކު ރިސޯޓަކަށް އިންވެސްޓް ކުރިއިރު، ކްރައުޑް ފަންޑިންގ ޕެކޭޖެއް އޭނާ ތަޢާރަފު ކުރިއެވެ. އެ ރަށުން އަގު ދައްކާ ފަރާތަކަށް އެ ވިލާއިން ލިބޭ ޢާމްދަނީއިން ކަނޑައެޅިފައިވާ އިންސައްތައެއްގެ ފައިދާއާއި، އަހަރަކު 15 ދުވަހު ހިލޭ އެ ވިލާގައި ހުރުމުގެ ފުރުޞަތު ލިބެއެވެ. އަދި މީގެ އިތުރުން ޗުއްޓީ ހޭދަކުރާނަމަވެސް ކަނޑައެޅިފައިވާ ވަރަށް ކުޑަ އަގެއްގައި ހުރެވެއެވެ. އަދި ވެރިފަރާތުގެ ރައްޓެހިންނަށް ވެސް ޚާއްޞަ ހެޔޮ އަގެއްގައި އިސްތިސްމާރުކޮށްފައިވާ ވިލާގައި ޗުއްޓި ހޭދަކުރެވެއެވެ.

މިހާރުވެސް ރާއްޖޭގައި އެކި މޮޑެލްތަކަށް، ދިގު މުއްދަތަށް ވިލާތައް ދަނީ ވިއްކަމުންނެވެ. އަދި އިންވެސްޓަރުންނަށް ދިގު މުއްދަތުގެ ވިސާ ވެސް ދެމުން އެބަދެއެވެ.

 

ރެސިޑެންޑް ވިސާ

މެލޭޝިޔާގައި "ސެކަންޑް ހޯމް" ގެ ނަމުގައި ދިގު މުއްދަތުގެ ވިސާ ލިބެއެވެ. މިއީ 1989 އިންފެށިގެން އޮންނަ ޕްރޮގްރާމެކެވެ. އެކި ދުވަސްވަރު މިސިޔާސަތަށް ބަދަލު އަންނަމުން އައިސް މިއަދު އެގައުމުގެ ޕްރޮޕަަޓީއަކަށް އިސްތިސްމާރުކުރުމުން ދިގު މުއްދަތުގެ ވިސާ ލިބިއެވެ.

ހަމަ މިފަދަ ގޮތަކަށް ޔޫ.އޭ.އީގައި ވެސް ބޭރުގެ ފަރާތްތަކަށް ވިސާ ލިބެއެވެ. އެ ޤައުމުގައި ވިޔަފާރިކުރާ ފަރާތްތަކަށް ނުވަތަ އެ ޤައުމުގެ ރިއަލް އެސްޓޭޓަށް އިންވެސްޓް ކުރުމުން ވިސާ ދޫކުރެއެވެ. މި ބަދަލުތައް އެ ޤައުމަށް ގެނައީ 2009 ވަނަ އަހަރަށް ފަހުގައެވެ. އެއީ ދުނިޔޭގެ ޕްރޮޕަޓީ ބާޒާރު ދަށަށް ދިއުމާ ގުޅިގެން، އިޤްތިޞާދީ ހީނަރުކަމެއް އެ ޤައުމަށް ކުރިމަތިވުމުންނެވެ. މިހާރު ޔޫ.އޭ.އީގައި "ގޯލްޑަން ވިސާ" ގެ ނަމުގައި 5 އަހަރާއި 10 އަހަރުގެ މުއްދަތަށް ރަށްވެހި ވިސާ ދޫކުރެއެވެ.

މިގޮތަށް ވިސާ ދޫކުރާ އެހެން ބާވަރު ގައުމުތަށް އެބަހުރެއެވެ. ސްރީލަންކާގައި އަމިއްލަ ބިންވެރިކަމެއް ހުއްދައެއް ނުކުރެއެވެ. އެހެން ބައެއް ޤައުމުތަކުގައި ވަކި ވަރެއްގެ ފައިސާ ބެހެއްޓުމުން ރެސިޑެންޓު ވިސާ ދެއެވެ.

 

ރައްޔިތުންނަށް އިސްކަމެއް ނުދޭ

ރާއްޖެ މިއޮތީ ކޮން ޙާލަތެއް ޖެހިފާ!  އަޅުގަނޑުގެ ހިތަށް މިހެން އަރަނީ، ރާއްޖެއަށް އަނެއްކާ ކޮންފަދަ މަޖުބޫރުކަމެއް ކުރިމަތިވެގެން އުޅޭތީ ބާވައޭ! ސަރުކާރަކަށް އެންމެ މުހިންމުވާންވާނީ ރާއްޖޭގެ އަމިއްލަ ރައްޔިތުންނެވެ. މިހެން މި ދަންނަވަން ޖެހުނީ، ރަސްމާލެއިން ގޯތި ބޭނުންވެގެން އެތައް ހާސް ރައްޔިތުންނެއް އެދި އާދޭސްކުރަމުން ދަނިކޮށް، ދެން އަވަދިނެތި އެ އުޅެނީ ކޮން އެހެން މަޞްލަޙަތެއް ފުއްދަންބާވައޭ ހިތަށް އަރާތީއެވެ.

ރާއްޖޭގެ ފަތުރުވެރިކަން މިއަދު މިދަނީ ރަނގަޅު މިސްރާބަކަށް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. ސަބަބަކީ އެ ނޫން ގޮތަކަށް ވާހަކަދެކެވޭ އަޑު ނީވޭތީއެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް އިންވެސްޓްކުރާ ފަރާތްތަކުގެ ޝައުޤުވެރިކަން ކުޑަވެގެން އުޅޭ އަޑެއްވެސް ނީވެއެވެ. މިއަދު ދުނިޔޭގެ މަޝްހޫރު ހޮޓެލް ބްރޭންޑްތައް ރާއްޖޭގައި އެބަތިއްބެވެ. ރާއްޖޭގެ ވިޔަފާރިވެރިން ފަތުރުވެރިކަމުގެ ދާއިރާގައި ފުޅާދާއިރާއެއްގައި ޙަރަކާތްތެރިވެއެވެ. ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ބާރުދުވެލީގައި ކުރިއަށް އެބަދެއެވެ. ރާއްޖޭގެ ފަތުރުވެރިކަން މިހާރު މިއޮތީ ވަރުގަދަ މާކެޓެއްގެ ގޮތުގައި ފައިތިލަ ސާބިތުކޮށްފައެވެ.

މި ވަގުތު ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު މަރކެޓަކަށް ވަންނަން ޖެހެނީ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ، އޭގެ ސަބަބުން ލިބޭނެ ފައިދާތައް ތަންކޮޅެއް ރަނގަޅަށް ރައްޔިތުންނަށް ފަހުމުވާނޭހެން ސަރުކާރުން ތަފްޞީލުކޮށް ކިޔައިދޭންވީއެވެ.

ރަސްމާލެއިން ބިން ވިއްކުމުގެ މައްސަލައިގައި، ކަށަވަރުވާ ކަމަކީ ސަރުކާރުގެ ޕީ.އާރު (ޕަބްލިކް ރިލޭޝަންސް) މަސައްކަތް މިވަނީ މުޅިން ފެއިލްވެފައިވާ ކަމެވެ. ނޫނީ ސަރުކާރު ބޯހަރުވެފައި ރައްޔިތުންނަށް ޖަވާބުދާރީ ވުމަކީ ކުރަންޖެހޭ ކަމެއް ގޮތުގައި ނުދެކެނީއެވެ. މިކަމުގައި ރައްޔިތުން މިހާރު އެވަނީ ގޮތެއް ނިންމައި، އެމީހުންގެ ވިސްނުން ހާމަކޮށްފައެވެ.

މިމަޒުމޫނު ވަނީ 12 ނޮވެންބަރ 2026ގައި ފިޔެސް ގައި ޝާއިއު ކުރެވިއެވެ.