އިޙްތިރާމަކީ މަތިވެރި އުޞޫލެކެވެ. ނަމަވެސް، ސިޔާސީ މައިދާނުގައި އޭގެ މާނަ ބިނާވެފައިވަނީ އެކަމަށް އެދެނީ ކޮން ފަރާތަކުންތޯ އަދި ބާރުގައި ތިބި ފަރާތްތަކުން އެނބުރި އެ އިޙްތިރާމް ދިނުމަށް ތައްޔާރަށް ތިބިތޯ އޮންނަ އޮތުމުގެ މައްޗަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީނުވެ، ފާޑުކިޔުންތައް ހަންމަތަކުރުމަށް ވެރިޔަކު ރައްޔިތުންގެ ކިބައިން އިޙްރިމަށް އެދުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. ދީމިޤްރާތީ ނިޒާމެއްގައި އިޙްތިރާމް ފެށެންވާނީ ޝިއާރުތަކަކުން ނޫނެވެ. އެކަން ފެށެންވާނީ ޒިންމާދާރުވުމާއި ޖަވާބުދާރީވުމުންނެވެ.

ރައީސް ޑރ.މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވުމަށް ނިންމަވާފައިވާ "އިޙްތިރާމް" ކުރުމުގެ ކެމްޕޭނާ މެދު އާންމުން ދެކެނީ، މިއީ ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރާ ކަމެއްގެ ގޮތުގައެވެ. ވަކިން ހާއްސަކޮށް، އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ރާވާފައިވާ ގޮތާ މެދު ގައުމީ ހަރަކާތުގެ ބައިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކުން ސަމާލުކަން އަނބުރާލުމަށް ހިނގާ ކެންޕޭނެކެވެ. މި ކެމްޕޭން މަޤްޞަދާމެދު ސުވާލު އުފެދެނީ ކެންޕޭން ފަށާ ދުވަހާއި ވަޤުތުންނެވެ. ދައުލަތުގެ ބިމާއި ބޮޑެތި އެއްބަސްވުންތަކާ ގުޅޭގޮތުން ރައްޔިތުން ޖަވާބުދާރީވުމަށް އެދެމުންދާ ދަނޑިވަޅެއްގައި، އަޚްލާޤީ މިންގަނޑުތަކެއް ހިފެހެއްޓުމަށް ބާރުއަޅާ ކެމްޕޭނެއް ފެށުމުން، މިއީ ޚިޔާލު ފާޅުކުރުން ހުއްޓުވުމަށް ކުރާ ކަމެއްތޯ ސުވާލުކުރުމުގެ ހައްޤު ރައްޔިތުންނަށް ހުޅުވެއެވެ.

ރަސްމާލެއަށް ބޭނުންވަނީ ޖަވާބު، ސަމާލުކަން އަނބުރާލުމެއް ނޫން

ރަސްމާލެއާ ގުޅޭ އެންމެ މުހިންމު ކަމަކީ އެއްބަސްވުމުގެ އަސްލެވެ. މިއީ އަޑުގަދަކުރަން މީހުން އެއްކުރެވެނީ ކޮންބަޔަކަށްތޯ ބެލުމުގެ މުބާރާތަކަށް ވެގެން ނުވާނެއެވެ. އެއްބަސްވުމާ މެދު ވަކި ގޮތްތަކެއް ކަނޑައެޅުމުގެ ކުރިން، އޭގައި ހިމެނޭ ތަފްސީލުތައް ރައްޔިތުންނަށް އެނގެންޖެހެއެވެ. އެއީ ބިން ވިއްކުންތޯ، ދިގު މުއްދަތަށް ކުއްޔަށް ދިނުންތޯ، ނުވަތަ ޖޮއިންޓް ވެންޗަރ އެއްބަސްވުމެއްތޯ ސާފުވާންޖެހެއެވެ. ދޫކޮށްލެވެނީ ކޮން ހައްޤުތަކެއްތޯ، ކިހާ މުއްދަތަކަށްތޯ، އަދި އެކަމުގެ މާލީ އަދި ޤާނޫނީ ޝަރުޠުތަކަކީ ކޮބައިތޯ ބަލަންޖެހެއެވެ.

ސަރުކާރުން އެއްބަސްވުމުގެ މުހިންމު ބައިތައް ހާމަކޮށް، ޕާޓްނަރު އިޚްތިޔާރުކުރި ގޮތާއި، ދައުލަތަށް ލިބޭނެ މަންފާތަކާއި، ޤައުމީ މަޞްލަޙަތު ހިމާޔަތްކުރުމަށް ހުރި ފިޔަވަޅުތައް އޮޅުންފިލުވައި ދޭންޖެހެއެވެ. ރައްޔިތުންނަށް މިހާރު ލިބެން އޮތް ހަމައެކަނި އެއްޗަކީ ކަށަވަރުނުވާ ރަސްމީ ބަސްތަކެއް ޤަބޫލުކުރުމާއި އިދިކޮޅު ފަރާތްތަކުގެ ތުހުމަތުތަކުގެ ތެރެއިން އެއްޗެއް އިޚްތިޔާރުކުރުމެވެ. ރައްޔިތުންނަށް ލިޔެކިޔުންތައް ފެންނަންޖެހެއެވެ.

ޤައުމުގެ ބިމާއި މުދަލާ މެދު ރައްޔިތުންގެ ހިތުގައި އޮންނަ ކަންބޮޑުވުމަކީ އިޤްތިޞާދީ ތަރައްޤީއަށް ހުރަސްއެޅުން ކަމުގައި ބެލެވިގެން ނުވާނެއެވެ. ހަމައެއާއެކު، ބޭރުގެ ކުންފުންޏެއް ބައިވެރިވުމަކީ އޭގެ ޒާތުގައި ގޯހެއް ކަމަށް ނިންމައިގެންވެސް ނުވާނެއެވެ. އެންމެ ރަނގަޅު ގޮތަކީ އެއްބަސްވުންތަކުގެ ދެފުށް ފެންނަން އޮތުމާއި، އިންޞާފުވެރިވުމާއި، އަދި އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން އެކަމާ މެދު ބަހުސްކުރުމުގެ ފުރުސަތު ރައްޔިތުންނަށް އޮތުމެވެ.

މުޒާހަރާ ކުރުމަކީ އިޙްތިރާމް ކުޑަކުރުމެއް ނޫން

ޤައުމުގެ ބިމާއި ވެރިކަމުން ކަންކުރާ ގޮތާ ގުޅޭގޮތުން ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން އަޑުއުފުލާއިރު، ސަރުކާރުން އެމީހުންގެ ސިޔާސީ ފިކުރަށް ހަމަލާދިނުމުގެ ބަދަލުގައި، އެމީހުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވާންޖެހެއެވެ. ސުލްޙަވެރިކަމާއެކު އެއްވެ އުޅުމާއި އިޙްތިޖާޖު ކުރުމަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް އޮތް ޤާނޫނީ ހައްޤެކެވެ. އެއީ ސަރުކާރުން ހިންގާ "އިޙްތިރާމް" ކުރުމުގެ ކެމްޕޭނަކުން އިޞްލާޙުކުރަންޖެހޭ ފުރައްސާރައެއް ނޫނެވެ.

ހަމައެއާއެކު، އިދިކޮޅު ފަރާތްތަކުގެ އިތުބާރު ބޮޑުވާނީ، އެމީހުންގެ ދެއްކުންތެރިކަމަށްވުރެ ބޮޑަށް ލިޔެކިޔުންތަކަށާއި، ރައްޔިތުންގެ މަޞްލަޙަތަށާއި، ސީދާ ސިޔާސަތުތަކަށް އަމާޒުކޮށް ވާހަކަދެއްކުމުންނެވެ. ހަޤީޤަތް ފާޅުކުރުމުގެ ބަދަލުގައި ހަމައެކަނި ޝިއާރުތަކެއް ބޭނުންކުރުމަކީ ވެރިކަމުގައި ތިބި ފަރާތްތަކަށް ޒިންމާއިން ރެކެވޭނެ ކަމެއްނޫނެވެ.

ވަޢުދުތަކަށް ޖަވާބުދާރީވުން ބޭނުންވޭ

ރައީސް ޑރ.މުޢިއްޒު ކެމްޕޭންގައި ވެވަޑައިގެންނެވި ވަޢުދުތަކާ ޚިލާފުވެވަޑައިގަންނަވާ ކަމަށް ކުރެވޭ ފާޑުކިޔުންތައް ހައްލެއްލިބޭނީ ކުރައްވާ ވަޢުދަކަށްް ފަހު ވަޢުދެއް ބަލާގެންނެވެ. ރައްޔިތުންނަށް ވެވަޑައިގަތީ ކޮން ވަޢުދުތަކެއްތޯ؟ ދެއްވީ ކޮން ތާރީޚުތަކެއްތޯ؟ ފުއްދިފައިވަނީ ކޮން ކަންތައްތަކެއްތޯ؟ ލަސްވެފައިވަނީ ނުވަތަ ހުއްޓާލާފައިވަނީ ކޮން ކަންތައްތަކެއްތޯ؟ ސިޔާސީ ޝިއާރުތަކަށްވުރެ ދެފުށް ފެންނަ ޖަވާބުދާރީވުމެއް ރައްޔިތުންނަށް މާ މުހިންމެވެ.

ފުއްދިފައިނުވާ ވަޢުދުތަކާ ގުޅޭގޮތުން ރައީސް ރައްޔިތުންނަށް ތެދުވެރިކަމާއެކު ތަފްޞީލު ދެއްވަންޖެހެއެވެ. ފާޑުކިޔުންތަކަކީ ދޮގު މަޢުލޫމާތެއް ނަމަ، ސަރުކާރުން އެކަން ސާބިތުކޮށްދޭންޖެހޭނީ ލިޔެކިޔުންތަކުންނެވެ. ރައްޔިތުންނަށް ކުރާ ހަޤީޤީ އިޙްތިރާމަކީ، ކުރައްވާފައިވާ ކެމްޕޭން ވަޢުދުތައް، ވެރިކަން ލިބުމުން ހަނދާން ނައްތާލަންޖެހޭ އެއްޗެއްގެ ބަދަލުގައި، އެއީ ފުއްދަންޖެހޭ މަސްއޫލިއްޔަތެއް ކަމަށް ޤަބޫލުކުރުމެވެ.

ސީރިއަސް ތުހުމަތުތަކަށް ބޭނުންވަނީ ދެފުށް ފެންނަ ތަޙުޤީޤެއް

ވެރިކަން ހިންގުމުގެ ނިޒާމާއި މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާ މެދު އުފެދިފައިވާ ސީރިއަސް ސުވާލުތަކަށް ޖަވާބު ނުލިބޭހާ ހިނދަކު، ރައްޔިތުންގެ އިތުބާރު ސަރުކާރަށް ކުޑަވާނެއެވެ. ނުފޫޒު ފޯރުވުމާއި، މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިނުމާއި، ކުރިން މަޖިލީހުގައި ދެއްވާފައިވާ ބަޔާންތަކުގައި ބިމުގެ މުޢާމަލާތްތަކާ ގުޅޭގޮތުން ދޮގު މަޢުލޫމާތު ދެއްވި ކަމުގެ ތުހުމަތާއި، މުވައްޒަފަކާ އޮތް އަމިއްލަ ގުޅުމެއްގެ ވާހަކައާއި، އަދި ރައީސް ކުރިން ހުންނެވި މިނިސްޓްރީތަކުގެ ރެކޯޑުތަކަށް އަސަރުކޮށްފާނެ ފަދަ ގޮތަކަށް ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގެ ވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ދެކެވެމުންދާ ކަންބޮޑުވުންތަކެވެ.

މި ތުހުމަތުތަކަކީ ދައުލަތުގެ މަތިވެރި މަޤާމެއްގެ ނަޒާހަތްތެރިކަމާ ގުޅިފައިވާ ކަންކަމަށް ވާތީ، އެކަންކަމަށް ޖަވާބުދާރީވާ ގޮތް ވަރަށް މުހިންމެވެ. ދީމިޤްރާތީ ނިޒާމެއްގައި، މިފަދަ ބޮޑެތި ތުހުމަތުތަކަށް ބޭނުންވަނީ އިތުބާރު ހުރި ހެކިތަކާއި، މިނިވަން ތަޙުޤީޤަކާއި، އަދި މުއައްސަސާތަކުގެ ދެފުށް ފެންނަ ތަހުގީގެކެވެ.

ހަގީގީ ހެކިތަކެއް ނެތް ސިޔާސީ ތުހުމަތުތަކަކީ ހަގީގީ މައްސަލަތަކުގެ ހައްލެއް ނޫނެވެ. އަދި ކަށަވަރުނުވާ ޒާތީ ވާހަކަތަކާއި، ހެކިނެތި ސަރުކާރުގެ ނާކާމިޔާބީތަކުގެ ފާޑުކިޔުމަކީ ހަމައެކަނި ފިތުނައެއް ކަމަށް ބުނެ އެކަމުން ރެކުމުގެ ފުރުސަތު ސަރުކާރުގެ އިސްވެރިންނަށް ހޯދައިގަންނާނެ ކަންކަމެވެ.

ނަމަވެސް، ސާބިތުނުވާ އަޑުތަކެއް ހުރި ނަމަވެސް، އެއީ ފާރަވެރިވުން ހުއްޓާލަންޖެހޭ ސަބަބެއް ނޫނެވެ. އެއީ ފާރަވެރިވުން އިތުރަށް ވަރުގަދަކުރަންޖެހޭ ސަބަބެކެވެ. ރައްޔިތުންނާއި މަޖިލިސް މެންބަރުން ބާރުއަޅަންޖެހޭނީ މަޖިލީހުގެ ޔައުމިއްޔާތަކާއި، މުދަލާއި ބިމުގެ ބަހުސްތައް ހާމަކުރުމާއި، މިނިސްޓްރީތަކުގައި ހިނގި އަލިފާނުގެ ހާދިސާގެ މިނިވަން ތަޙުޤީޤުތައް ހާމަކުރުމަށެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ. ސީދާ ސުވާލުތައް ކުރުމާއި، ސާފު ޖަވާބުތަކަށް ބާރުއެޅުމާއި، އަދި ސާބިތު ހަގީގަތްތަކާއި ކަށަވަރުނުވާ ވާހަކަތައް ވަކިކުރުމަކީ ޒިންމާދާރުކުރުވުމުން ރެކުމަށް އޮތް މަގު ހަނިކޮށްދޭނެ ކަމެކެވެ.

އިޙްތިރާމްގެ ހަގީގީ އިމްތިޙާން

ސަރުކާރުން ހިންގާ "އިޙްތިރާމް" ކެމްޕޭނަކީ ހަގީގަތުގައިވެސް ރައްޔިތުންގެ މެދުގައި އޮންނަ ބަހުސްތައް ރަނގަޅުކުރުމަށް ކުރާ ކަމެއް ނަމަ، ރައީސް ޑރ.މުޢިއްޒަށް އެކަން ސާބިތުކޮށްދެއްވޭނީ އުނދަގޫ ސުވާލުތަކަށް މަރުޙަބާ ކިޔައިގެންނެވެ. ރަސްމާލެ އެއްބަސްވުމުގެ ތަފްޞީލުތައް ހާމަކޮށް، ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ލިޔެކިޔުންތަކާއެކު ސާފު ޖަވާބުދާރީވެ ވަޑައިގެންނެވުމުންނެވެ. ނަމަވެސް، މި ކެމްޕޭނަކީ އެ ސުވާލުތަކުން ރެކުމަށް ބޭނުންކުރާ އައްޑަނައެއް ނަމަ، އޭގެ އިޚްލާޞްތެރިކަމާ މެދު ސުވާލު އުފެއްދުމުގެ ފުރިހަމަ ހައްޤު ފާޑުކިޔާ ފަރާތްތަކަށް އެބައޮތެވެ.

މިބާއްވާލެވުނު އެއްވުމަށް އެންމެ ހަރަދު ކުޑަމިނުންވެސްް 4-5 މިލިއަން ރުފިޔާ އަރާނެއެވެ. މީގެ މިބައްދަލުވުން ބޭއްވުނުތަނުގެ ގޮތުން އެތަށް ބަޔަކަށް މިކަމުގެ ތަކުލީފު މިވަނީ އުފުލަންޖެހިފައެވެ. މިބައްދަލުވުން ތައްޔާރުކުރުމަށް އެއްހަފްތާކުރިން މިތަނުގައި ބަނޑަހަޖާފިއެވެ. އަދި މިސާމާނުތައް ރޫޅަން އަދި އެއްހަފްތާ ނަގާނެއެވެ. މިޓްރެކުގައި ތަމްރީނު ކުރާ ގައުމީ ޓީމާއާ، އެތުލެޓިކްސް ކުލަބުތަކާއި، އާންމު ރައްޔިތުންގެ ކަސްރަތު މިވަނީ މިހަފްލާގެ ތައްޔާރިތަކަށް ޤުރުބާން ވެފައެވެ. މިފަދަ ކަންކަމުގެ އަގު ފައިސާއިން ނުގުނޭނެއެވެ.

ޢާންމު ދިރިއުޅުމުގައި އިޙްތިރާމް ކުރުމުގެ މާނައަކީ ހަނުހުރުމެއް ނޫނެވެ. ނުވަތަ ކިޔަމަންތެރިވެ ފާޑުނުކިޔުމެއްވެސް ނޫނެވެ. އޭގެ މާނައަކީ ރައްޔިތުންގެ އަޑުއެހުމާއި، ދައުލަތުގެ ނިންމުންތައް ހެކިތަކާއެކު އޮޅުންފިލުވައިދިނުމާއި، އަދި ވެރިން އެމީހުން އަމިއްލައަށް ކަނޑައެޅި މިންގަނޑުތަކާއި ވީ ވަޢުދުތަކަށް ތަބާވުމެވެ. އިޙްތިރާމް ހޯދުމަށް ކުރެވޭނެ އެންމެ ވަރުގަދަ މަސައްކަތަކީ ޕަބްލިކް ރިލޭޝަންސް ހަރަކާތްތަކެއް ހިންގުމެއް ނޫނެވެ. އެއީ ޖަވާބުދާރީވާން ކެރޭ ސަރުކާރަކަށް ވުމެވެ.    

މިލިޔުން ވާނީ ފިޔެސް އޮންލައިންގައި 10 ނޮވެމްބަރ 2026 ގައި ޝާއިއު ކުރެވިފައެވެ.