ރާއްޖޭގެ ވިޔާފާރީގެ އުސްތަނބެއް ކަމުގައިވާ ވިލާ ގުރޫޕް ގެ ޗެއަރމަން ގާސިމް އިބްރާހިމް ދިވެހި ފައިސާގެ އަގު މިއަހަރު ތެރޭ ވެއްޓޭނެކަމަށް ވަނީ މިމަހުގެ 9 ވަނަ ދުވަހު ދެއްވި ޕްރެސް ކޮންފަރެންސްއެއްގައި ވިދާޅުވެފައެވެ. މިއީ އަޅުގަނޑަށް ހައިރާންކަމެއް ލިބުނުކަމެކެވެ. އަޅުގަނޑު ހައިރާންވީ ދިވެހި ފައިސާގެ އަގު ވެއްޓޭލެއް އަވަސް ކަމަކުންނޫނެވެ. ގާސިމް ފަދަ ވިޔަފާރިވެރިއަކު މިކަން އަވަސް ކުރަން މަސައްކަތްކުރަނީ ކީއްވެގެންބާއޭ ހިތަށް އަރާފައެވެ.
މި ޕްރެސް ކޮންފަރެންސާއި ގުޅިގެން ހަވީރު ނޫހުގައި ގާސިމް އާއި ހަވާލާދީ ލިޔެފައިވަނީ ޑޮލަރުގެ އަގު ބޮޑުވުމަށް ދިމާވި މައިގަނޑު ސަބަބުތަކަކީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރަށް ވިއްކާލުމާއި ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާ ވިއްކާލުމުން މިކުންފުނިތަކުން އަހަރަކު ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ ޑޮލަރު ޤައުމުން ބޭރުކުރަމުން ގެންދާތީކަމަށެވެ.
ހަޤީޤަތަކީ މިތަންތަން ވިއްކާ ނުލާއިރުވެސް ޑޮލަރުގެ އަގު އައީ އަރަމުންނެވެ. އެކަމަކު މިހާހިސާބަށް ފުންމައިގެން ޑޮލަރުގެ އަގު މައްޗަށް އެރީ ގާސިމް ވިދާޅުވި އެއަރޕޯޓް އާއި ހިއްސާތައް ވިއްކިފަހުންނެވެ.
ކަރަންސީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ފައިދާބޮޑީ އިގްތިސާދު ހަލަބޮލިކޮށް އޮތުމުންނެވެ. އެހެންކަމުން އެވަޤުތު ބެނުންވާ ފައިދާ ލިބޭނެ ގޮތަށް މާރކެޓްއަށް ޚަބަރުތައް ފަތުރާލުމުން އެވަޤުތަކު އެނަގަން ބޭނުންވާ ފައިދާ ހޯދައިގަނެވިދާނެއެވެ.
މިހާރު މާރކެޓް ތެރެއަށް މިފެތުރިގެން ދިޔަ ޚަބަރުން ޑޮލަރުގެ އަގު މައްޗަށް ހިނގައިދާނެބާއެވެ؟ ގާސިމްފަދަ ބޭފުޅަކު މިކަހަލަ ވާހަކައެއް ވިދާޅުވުމުން އޭގައި ބުރަދަނެއް ހުންނާނެ ކަމާމެދު އެއީ ސުވާލެއް އޮތްކަމެއް ނޫނެއެވެ.
މިވިދާޅުވާ ވާހަކައަކީ ޑޮލަރުގެ ކަޅުބާޒާރުގެ އަގު މިހާރު ހުރީ ބޭންކް ރޭޓްއަށްވުރެން 10% މަތީގައި 17ރުފިޔާ ކަމުގައެވެ. އަދި މިއަހަރު ކުރިއަށް އޮތް ދުވަސްކޮޅުތެރޭގައި ޑޮލަރުގެ ކަޅުބާޒާރުގައި ހުރި އަގު 17ރ އިން 20ރ އަށް މައްޗަށް ދާނެކަމަށް މިވަނީ ލަފާކުރައްވާފައެވެ. މާނައަކީ ރުފިޔާގެ އަގު އިތުރަށް 15% ދަށްވަނީއެވެ. އެހެންކަމުން ބޭންކުގައާއި އެހެން ތަންތަނުގައިވެސް ބަހައްޓާފައި ހުރިފައިސާ އިން 15% އުނިވުމުން ސަލާމަތްކުރެވިދާނެ އެންމެެ ފަސޭހަ ގޮތަކީ ރުފިޔާ ޑޮލަރަށް ހެދުމުންނެވެ.
އަދި ހައްޖަށް ނުވަތަ އެހެން ކަންކަމުގައިވިޔަސް ރާއްޖޭން ބޭރަށް ދިޔުއުމަށް ގަޞްދުކުރާ ފަރާތްތަކުން ފަހުން ޑޮލަރުގަންނަން މަޑުކޮށްފިއްޔާ ޑޮލަރުލިބޭނީ އަގު ބޮޑުކޮށްށެވެ. ދަތުރަށް ދިއުމަށް ދިވެހިފައިސާ ރައްކާކޮށްފައި ހުރިއްޔާ ބުއްދިވެރިގޮތަކީ އަވަހަށް ޑޮލަރު ގަތުމެވެ.
އާހިރު ނަތީޖާއަކަށްވާނީ އެންމެން ޑަލަރު ހޯދަން ތެޅިގަތުމުން ޑޮލަރަގެ ޑިމާޑް މައްޗަށް ދިއުމުން ޑޮލަރުގެ އަގު އޭގެ ޒާތުގައި މައްޗަށް އަރާނެއެވެ. މިބަދަލު އަންނާނީ އިޤްތިސާދީ އުސޫލަކަށް އަސާސަކަށް ސިޔާސަތަކަށް އެއްވެސް ބަދަލެއް އައިސްގެންނެއް ނޫނެވެ. ހަމަ އެކަނި ވީކަމަކީ މާރކޭޓަށް އަޑުތަކެއް ފެތުރިގެން ދިޔަކައެވެ.
މިހާރު ހުރި ރޭޓުން ޑޮލަރު މައްޗަށް ފޮނުވާލަން ބޭނުންވެދާނެ އެހެން ސަބަބުތަކެއް ހުރެދާނެބާއެވެ.
ޓޫރިޒަމް ވިޔަފާރި ކުރައްވާ ބޭފުޅުންނަކީ އެއް ކަރަންސީއަށްވުރެ ގިނަ ކަރަންސީ ގެންގުޅުއްވާނެ ބޭފުޅުންނެވެ. އެހެންކަމުން އެއްކަރަންސީއަށް ވުރެ ގިނަ ކަރަންސީން ވިޔަފާރި މުއާމަލާތް ކުރާ ފަރާތްތަކަށް އަޅުގަނޑުމެންގެ މާރކެޓްގައި ޑޮލަރަށް އަންނަބަދަލަކުން އެވިޔަފާރިތަކަށް ކުރާނެ ނޭދެވޭ އަސަރެއް ނޯންނާނެއެވެ. މިސާލެއްގެ ގޮތުން ހޮޓެލް ވިޔަފާރިއަކަށް ރާއްޖޭން ބޭރުން ހޯދަންޖެހޭ އެކި ބާވަތްތަކާއި ތެލާއި ޔޫރޯއިން ގަނެފައި ޑޮލަރު ރާއްޖޭގެ ބާޒާރުގައި ބޮޑުއަގުގައި ވިއްކާލުމުން މިވިޔަފާރިތަކަށް ވިޔަފާރި ނަޒަރަކުން މާފައިދާ ކުރާނެއެވެ.
މިވަޤުތު ބިޑެއް ނުވަތަ ބޮޑު އަދަދެއްގެ ފައިސާ ދައްކާލަންޖެހިފައި އޮތްނަމަ ދިވެހި ފައިސާ އަގު ދައްކޮށްލުން އެއީ ވިޔަފާރި ނަޒަރަކުން ކޮންމެހެން ކޮށްލަންޖެހޭ ކަމަކަށްވެސް ވެދާނެއެވެ.
ފައިސާގެ އަގު ބޮޑަށް ވެއްޓުމުން ބައެއް ޤައުމުތަކުގައި ލޯނު ނަގާފައި ހުންނަ ފަރާތްތަކުގެ ލޯނު ދެއްކުމަށް ހިތްވަރުދިނުމުގެ ގޮތުން ލޯނު އިންޓްރެސްޓް ރޭޓް ދައްކޮށްދެއެވެ. އެހެންކަމުން ސަރުކާރުގައި މިފަދަ ލޯނެއް ދަރަންޏެއް އޮތްނަމަ އިންޓްރެސްޓް ރޭޓް ދައްކުރަން ބާރުއެޅުމަކީ ވެދާނެކަމެކެވެ.