ވިޔަފާރީގެ ހަމަތަކަށް ބަލާއިރު، ބިމެއްގައި ބޮޑު އިންވެސްޓްމަންޓެއް ކުރަން ގަސްދުކުރާ ހިނދު، އެ ބިމެއް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. ކުންފުންޏަކުން ހަރުމުދަލެއް ތަރައްގީކުރާނީ އެ މުދަލަކުން މަންފާ ހޯދޭނެކަމުގެ ޔަގީންކަމާއި ގާނޫނީ ރައްކާތެރިކަން ދިގު މުއްދަތަކަށް ލިބިގެންނެވެ. އެހެނީ، ހަމައެކަނި ބިމެއް އޮތުމަކުން ފައިދާއެއް ނުކުރާނެއެވެ. ބިމުގެ އަގު އުފުލި، އޭގެ ހަގީގީ މަންފާ ލިބެނީ އެ ތަނަކަށް އިސްތިސްމާރުުކޮށް، އުފެއްދުންތެރި މަސައްކަތްތަކަކަށް މަގުފަހިކުރެވިގެންނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ރިސޯޓުތަކަކީވެސް މިފަދަ ކާމިޔާބު އިސްތިސްމާރުތަކުގެ ނަތީޖާއެވެ.

އިގްތިސާދީ ނަޒަރަކުން ބަލާއިރު، ބިމާއި އިންސާނީ ވަސީލަތް އަދި މާލީ ތަނަވަސްކަމަކީ އަޅުގަނޑުމެންގެ ގައުމުގައި ވަރަށް މަދު އެއްޗެކެވެ. އެހެންނަމަވެސް، ރާއްޖެ އުފެދިފައިވާ ގުދުރަތީ ރީތިކަމާއި ޖިއޮގްރަފީގެ ގޮތުން އޮތް މުހިންމު ސަރަހައްދަކީ ދުނިޔޭގެ އެހެން ގައުމުތަކާ ވާދަކޮށް، އިގްތިސާދީ މަންފާ ހޯދާ ވަސީލަތްތަކެކެވެ. މިއަދު އަޅުގަނޑުމެންގެ އިގްތިސާދު ބިނާވެފައި މިވަނީ މި ހަގީގަތްތަކުގެ މައްޗަށެވެ.

އާބާދީ ކުޑަ ގައުމެއްގެ ހައިސިއްޔަތުން، ލިބޭ އާމްދަނީއަކުން ދެކޮޅުޖައްސައިގެން ދިރިއުޅުމުގެ ވިސްނުން އަބަދުވެސް ހުންނަންޖެހެއެވެ. ޚާއްސަކޮށް ރައްޔިތުން އިންތިޚާބުކުރާ ސަރުކާރުތަކުން ބަޖެޓުގެ ހަމަތަކުގެ ތެރޭގައި ހިފަހައްޓަން ޖެހެއެވެ. ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމުގައި ދޯހަޅިވެ، ދަރަނިވެރިވަމުންދާނަމަ، އެކަމުގެ ނާޖާއިޒު ފައިދާ އެހެން ފަރާތްތަކުން ނަގާނެއެވެ. އަޅުގަނޑުމެން ދަތި ހާލުގައި ޖެހުމުން، އެއްވެސް މަގުސަދެއް ނެތި ހިލޭ އެހީވާނެ ބަޔަކު ނުތިބޭނެއެވެ. ބައިނަލްއަގުވާމީ މައިދާނުގައި ފައިސާއާއި ލޯނު އަދި އެހީތައް ލިބެނީ އެ ދޭ ފަރާތެއްގެ ބޮޑު މަސްލަހަތެއް އެކަމުގައި އެކުލެވިގެންނެވެ.

މިއަދު ދިވެހި ރައްޔިތުންގެ އެންމެ ބޮޑު ސަމާލުކަމަކާއި ކަންބޮޑުވުމެއް އޮތީ 'ރަސްމާލެ' މަޝްރޫއަށެވެ. މި ބިން ދޫކޮށްލުމަށް ރޭވިފައިވާ ގޮތާ މެދުގައެވެ. ބައެއް ފަރާތްތަކުން މިއީ ކުރީގެ ސަރުކާރުތަކުންވެސް ކޮށްފައިވާ އަދި ގާނޫނީ އޮނިގަނޑު ހެދިފައިވާ ކަމެއް ކަމަށް ބުނެ ވާހަކަދައްކައެވެ. ނަމަވެސް އުފެދޭ ސުވާލަކީ، މިވަގުތު ރަސްމާލެ ދޫކޮށްލުމުގެ ހަގީގީ މަގުސަދަކީ ކޮބައިތޯއެވެ؟ ސަރުކާރުން މިކަން ކުރަންޖެހޭ ސަބަބު ރައްޔިތުންނަށް ސާފުކޮށްދެވިފައިވޭތޯއެވެ؟ މި މުއާމަލާތުން މިހާރު ދިމާވެފައިވާ މާލީ ދަތިކަމަށް ވަގުތީ ހައްލެއް ލިބުނަސް، ދިގު މުއްދަތުގައި ގައުމަށް ލިބޭނެ ފައިދާއަކީ ކޮބައިތޯއެވެ؟ މިކަން އާންމު ބަހުސަކަށް ވެގެން މިއުޅެނީ ސަރުކާރުގެ ނިޔަތާ މެދު ސުވާލު އުފެދޭތީއެވެ.

ރަސްމާލެ ހިއްކަން ފެށީ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމަށެވެ. ކުރީގެ ރައީސުން ވެސް އެ ބޭފުޅުންގެ ދައުރުގައި ހިންގެވި ބިޔަ މަޝްރޫއުތައް ފަދައިން، މިއީ މި ސަރުކާރުގެ 'ލެގަސީ' އެއްގެ ގޮތުގައި ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ބެލެވުނެވެ. ނަމަވެސް، މިއަދު ފެންނަމުންދަނީ އެއާ ޚިލާފު މަންޒަރެކެވެ. ދިވެހިންނަށް ދެއްކި ފޮނި ހުވަފެންތަކުގެ ފަހަތުގައި އެހެން މަގުސަދެއް ފޮރުވިފައިވާ ކަމުގެ ތުހުމަތު މިއަދު ދަނީ ކުރެވެމުންނެވެ. ދައުލަތުގެ ބަޖެޓުން އެތައް ބިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ހިއްކި ބިން ވިއްކާލުމުން، ގައުމަށް ހަގީގަތުގައި ލިބެނީ ކޮން މަންފާއެއް ހެއްޔެވެ؟

މިއަދާ ހަމައަށް ރަސްމާލޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބުނީ އަނިޔާއެވެ. އެއީ ދިވެހި ރައްޔިތުންނަށް ގެއްލިގެން މިދިޔައީ އެތަށް ފުރުސަތެކެވެ. މާލޭ ނަރުދަމާ މިއޮތީ ތޮއްޖެހިފައެވެ. ހުޅުމާލެ ނަރުދަމާއަށް ނުކަތާވަރަށް އިމާރާތް ކޮށްގެން އެތަނުންވެސް މަގަށް ނަގިސް އަރައެވެ. މާލޭގެ ރަށްވެހީނަށް ތިލަފަޅާއި ގުޅީފަޅާއި ގިރާވަރު ފަޅުން ދީފައި ހުރި ގޯތިތުގައި އާބާދު ކުރަމަށް ބޭނުންވާ އަސާސީ ހިދުމަތް ގާއިމު ކުރުމަށް ލިބުނު ފުރުޞަތު މި ތިން އަހަރު ތެރޭ މިވަނީ ބޭކާރުކޮށްލާފައެވެ.

ދައުލަތުގެ ހަރުމުދާ ވިއްކުމަކީ ސަރުކާރުތަކުން އާދައަކަށް ހަދައިގެން ވާނެ ކަމެއް ނޫނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވިއްކާލުމާއި، ކުންފުނިތަކުގެ ހިއްސާ އަދި މާލޭގެ އަގުބޮޑު ބިންތައް ވިއްކުމުން ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތެވެ. ފާފު އަތޮޅާއި ވ. އަތޮޅުގެ ފަޅުތަކުގެ މައްސަލައިގައި ރައްޔިތުން ފާޅުކުރި ނުރުހުމަކީ މީގެ ހެއްކެކެވެ. އެހެންކަމުން، އިތުރު ހަރުމުދަލެއް ދޫކޮށްލުމުގެ ކުރިން، މީގެ ކުރިން ކުރި މިފަދަ މުއާމަލާތްތަކުން ލިބުނު ނަތީޖާ ދެނެގަނެ، އެކަންކަން ރައްޔިތުންނަށް ހާމަކުރަން ޖެހެއެވެ.

ދައުލަތުގެ މުދާ ވިއްކުމާއި ދިގު މުއްދަތަށް ކުއްޔަށް ދިނުމަކީ ރައްޔިތުން ރުހޭ ކަމަކަށް ނުވާއިރު، ސިޔާސީ ފަރާތްތަކުން މިކަން ކުރަނީ ކީއްވެގެންތޯ ވިސްނާލަންޖެހެއެވެ. ވެރިކަމަށް އައުމަށާއި ވެރިކަން ދެމެހެއްޓުމަށް ބޭނުންވާ ބޮޑެތި ޚަރަދުތައް ހަމަޖެއްސުމަކީ މިފަދަ ކަންކަމުގެ އަސްލު ކަމުގައި ވެދާނެއެވެ. ހަރުމުދާ ވިއްކުމުން އެކަން މެދުވެރިވާފަރާތަށް ކުރާ މަންފާ ގިނަ ގުނައެވެ. ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން މިކަން ފާޅުގައި ކުރެއެވެ. މިއީ އެމީހުންގެ އެކައުންޓްސް ފޮތުގައި ހިސާބު ކުރެވިގެން ކުރާކަމެކެވެ. ސްރީލަންކާ އެެއެރލައިންސް އިން ގަތް ބޮއިން މަތިންދާ ބޯޓެއްގެ ރިޝްފަތުގެެ ގޮތުގައި އެގައުމުގެ ޕާލިމަންޓު މެންބަރު އަދި ކުރީގެ ރައީސް ރާޖަ ޕަކްޝޭގެ ދަރިފުޅު، ނަމާލު ރާޖަޕަކްޝޭއަށް ލިބުނު މިލިއަން ޑޮލަރުގެ ޝަރިއްޔަށް ލަންކާގައި މިހާރު ކުރިއަށް ދަނީއެވެ. ބައިނަލް އަގްވާމީ ނަންހިނގާ ކުންފުނިތަކުންވެސް ވިޔަފާރި ހޯދުމަށް ރިޝްފަތު ދޭން ފަހަތަށް ނުޖެހެއެވެ.

ބޭރުގެ އަމިއްލަ ކުންފުންޏަކަށް ބިމެއް ކުއްޔަށް ދިނުމާއި، ބޭރު ދައުލަތެއްގެ ނުފޫޒު އޮތް ފަރާތަކަށް ދިނުމަކީ ވަރަށް ތަފާތު ދެ ކަމެކެވެ. ބޭރު ގައުމެއްގެ ސީދާ ބާރު ހިނގާ ގޮތަށް މި ގައުމުގެ ބިން ދޫކޮށްލުމަކީ ދިވެހިރާއްޖޭގެ އިސްތިގުލާލަށާއި ސިޔާދަތަށް ނުރައްކާވާނެ ކަމެކެވެ. ރަސްމާލެ ދިގު މުއްދަތަކަށް ދޫކޮށްލުމުގެ ވާހަކަ ދެކެވެނީ އަބޫދާބީ ސަރުކާރުގެ ބާރު ހިނގާ އީގަލް ހިލްސް ކުންފުންޏާ އެކުގައެވެ.

އަޅުގަނޑުމެން މިވަންނަ ވިޔަފާރި މުއާމަލާތާއި ގުޅުން ހުރި ހާދިސާއެއް މިހާރު އިންގިރޭސި ވިލާތުގައި ހިނގަމުން އެބަދެވެ. އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ ފުޓުބޯޅަ ކުލަބާ ގުޅިގެން ފެންމަތިވެފައިވާ މާލީ މައްސަލަތަކާއި ޓެކުހުގެ މަކަރުހެދުންތައް ބެލެހެއްޓެނީ އެ ގައުމުގެ ގާނޫނީ ނިޒާމު ވަރުގަދަވުމުންނެވެ. މެންޗެސްޓަރ ސިޓީގެ މައި ހިއްސާދާރަކީ އަބޫދާބީ ސަރުކާރެވެ. ނަމަވެސް، ރާއްޖެ ފަދަ ގާނޫނު ތަންފީޒުކުރުމުގެ ނިޒާމު ބަލިކަށި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކުރާ ވިޔަފާރިތަކާއި ނިވާވެގެން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް ނުކުޅެދިފައިވާ ގައުމެއްގައި، ބޭރު ދައުލަތެއްގެ ބޮޑު އިސްތިސްމާރެއް ފުރިހަމައަށް ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ ގާބިލުކަން ހުންނާނެތޯ ސުވާލު އުފެދެއެވެ. އެފަދަ ގައުމުތަކުގެ ފާކޭޓުވަރަށް ފުންވާނެއެވެ.

މީގެ އިތުރުން، އީގަލް ހިލްސްއާ މެދު އުފެދޭ ކަންބޮޑުވުންތަކުގެ ތެރޭގައި، އިޒްރޭލާއެކު އޮންނަ ގުޅުމުގެ ވާހަކަ އަޑު ހަރުކޮށް އެބަ ދެކެވެއެވެ. ޔޫއޭއީ ސަރުކާރުންވަނީ އިޒްރޭލާއި އެކު ގުޅުން އާންމުކޮށް 'އަބްރަހަމް އެކޯޑްސް' އެގްރީމަންޓުގައި ބައިވެރިވެފައެވެ. އަރަބި ދުނިޔޭގެ ބައެއް ސަރުކާރުތަކުން ސަލާމަތީ އަދި ސިޔާސީ ސަބަބުތަކަށްޓަކައި އިޒްރޭލާއެކު ނުރަސްމީ ގުޅުން ބޭއްވި ނަމަވެސް، އެ ގައުމުތަކުގެ 85 އިންސައްތައަށް ވުރެ ގިނަ އާންމު ރައްޔިތުން އެ ގުޅުމާ ދެކޮޅެވެ. ނަމަވެސް އޭޝިއާ ސަރަހައްދުގެ މުސްލިމް ގައުމުތައް ކަމަށްވާ މެލޭޝިއާ، އިންޑޮނޭޝިއާ، ޕާކިސްތާން އަދި ބަންގްލަދޭޝް ފަދަ ޑިމޮކްރެޓިކް ގައުމުތަކުގައި ރައްޔިތުންގެ ވިންދާ ދެކޮޅަށް އިޒްރޭލާއެކު އެއްވެސް ގުޅުމެއް ނުބާއްވައެވެ.

މިހާރު ދެކެވެނީ، ރާއްޖޭގެ އެހެން ހިސާބަކަށް މި އިސްތިސްމާރު ގެންދިއުމުން އެންމެ ރަގަޅު ވެދާނެކަމަށެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގައި މި އިސްތިސްމާރު މިހާރު އޮތްގޮތަށް ގާއިމު ކުރުމުން އެހެންއެއްވެސް ހަމައަކަށް ބަދަލެއް އާދޭތޯއެވެ؟ ނާންނާނެއެވެ. އެހެންވިއްޔާ ނަތިޖާ ނިކުންނާނީ އެއްގޮތަށެވެ. އެއީ ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަށް ބިމެއް ދޫކޮށްލުމަކީ ދިވެހިރާއްޖޭގެ އިގްތިސާދީ، ސިޔާސީ އަދި ގައުމީ މަސްލަހަތާ ސީދާ ގުޅިފައިވާ، ވަރަށް ފުންކޮށް ވިސްނަންޖެހޭ މައްސަލައެކެވެ.

މިއީ ފިޔެސް އޮންލައިންގައި 6 އޮކްޓޫބަރު 2026 ގައި ޝާއިއު ކުރެވިފައިވާ ލިޔުމެއް.