އަޅުގަނޑު ފޮތްތައް ބަހައްޓަން ގެންގުޅެނީ ބާޒާރުން ގަނެފައިވާ ދެތިން އަލަމާރިއެކެވެ. ފޮތްތައް ގިނަކަމުން، އަލަމާރީގެ ކޮންމެ ހަރުގަނޑެއްގައި ވެސް ފޮތްތައް ބަހައްޓަން ޖެހިފައި ހުންނަނީ ދެ ފައްތަރަށެވެ. އެހެންކަމުން ބިއްދޮށުގައި ހުންނަ ފޮތެއް ނަގަން ޖެހިއްޖެނަމަ، ކުރިމަތީގައި ހުންނަ ފޮތްތައް ނަގަން ޖެހުމުގެ ސަބަބުން، ފޮތެއް ހޯދުމަކީ ބައެއް ފަހަރު ވަރަށް ބުރަ މަސައްކަތަކަށް އޮންނަނީ ވެފައެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ފޮތްތައް ރީއްޗަށް ތަރުތީބުކޮށް ބެހެއްޓޭނެ ފަދަ ގޮތަކަށް އަޅުގަނޑުގެ އަންހެނުން ތަސްނީމު ފޮތް ހަރެއް ފަރުމާކޮށްދިނުމުން، އެ ހަރު ބެހެއްޓީމެވެ. އައު ފޮތް ހަރު ބެހެއްޓީ ކުރިން އަލަމާރިތައް ހުރި ތަނުގައި ކަމަށްވާތީ، އަލަމާރީގައި ހުރި ހުރިހާ ފޮތްތަކެއް ނަގަން ޖެހުނެވެ.
އަލަމާރިން ފޮތްތައް ނަގަމުން ދިޔަ ވަގުތު، އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ "ހިޓްލަރ" ޖަހާފައިވާ ފޮޓޯ ފޮތެކެވެ. މި ފޮތް އަޅުގަނޑަށް ޚާއްޞަވާ ދެތިން ސަބަބެއް އެބައޮތެވެ. ފުރަތަމަ ކަމަކީ، މިއީ މިހާތަނަށް އަޅުގަނޑުގެ އަތުގައި އޮތް އެންމެ ދުވަސްވީ ފޮތެވެ. މިދެންނެވީ ފޮތް ޝާއިޢުކުރި ތާރީޚުގެ ގޮތުން ދުވަސްވީ ވާހަކައެއް ނޫނެވެ. އަޅުގަނޑުގެ އަމިއްލަ މިލްކިއްޔާތުގައި އެންމެ ގިނަ ދުވަސްވީ ފޮތުގެ ގޮތުގައެވެ.
މި ފޮތަކީ 1988 ވަނަ އަހަރު، އަޅުގަނޑުގެ އުމުރުން 17 އަހަރުގައި އަޅުގަނޑުގެ ތުއްތަ ގަނެދިން ފޮތެކެވެ. މި ފޮތް ލިބުނު ގޮތަކީ، މަންމަގެ ބޭސްފަރުވާއަކަށް މަންމައާއި ބައްޕައާއެކު އިންޑިއާގެ ޓްރިވެންޑްރަމަށް ކުރި ދަތުރެއްގައެވެ. އެ ދަތުރުގައި ތުއްތައާއި ތުއްތަގެ ފިރިކަލުން އަޙްމަދު މަނިކު ވެސް ބޭސްފަރުވާއަށް ވަޑައިގެންނެވިއެވެ. އަޅުގަނޑުމެން ތިބީ ޓްރިވެންޑްރަމްގެ "އަޝިޝް" ކިޔާ ހޮޓަލެއްގައެވެ. އެ ދަތުރުގައި އަޅުގަނޑުގެ މައިގަނޑު ޒިންމާއަކީ ހޮސްޕިޓަލުގެ ކަންކަން ހަމަޖެއްސުމާއި، ޑޮކްޓަރަށް ދައްކާއިރު މުޢާމަލާތްކޮށް، ވާހަކަތައް ތަރުޖަމާކޮށްދިނުމެވެ.
މި ދަތުރުގެ ތެރޭގައި ތުއްތަ އަޅުގަނޑަށް ހަދިޔާއެއް ދިނުމުގެ ގޮތުން ބޭނުންވަނީ ކޮން އެއްޗެއްތޯ އެހުމުން، އަޅުގަނޑު އެދުނީ ފޮތެއް ހޯދުމަށެވެ. އަދި ފޮތް ފިހާރައަކަށް ގޮސް އަޅުގަނޑު މިފޮތް ދެއްކުމުން، ތުއްތަ އެ ފޮތް އަޅުގަނޑަށް ގަނެދިނެވެ.
ތުއްތައާއި އަޅުގަނޑަކީ ދެބެންގެ ދެދަރި ދެމީހުންނެވެ. ތުއްތައާ ގުޅޭގޮތުން އަޅުގަނޑުގެ އެންމެ ކުރީގެ ހަނދާނަކަށް ހުންނަނީ، 1970 ގެ ފަހުކޮޅު މާފަންނު ހިއްކި ބިމުން ގެއަކަށް ތުއްތަގެ ދިރިއުޅުން ބަދަލުކުރި ދުވަސްވަރެވެ. އެ ދުވަސްވަރު އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ އުމުރުގެ އެހެން ތިމާގެ ކުދިން ވެސް މ. ހީނާމާގަލާގެއަށް (މ. ހީނާމާގަލާ) ވަރަށް ގިނައިން ގޮސް އުޅެމެވެ. އެ ދުވަސްވަރު އެ ގެއާ މޫދު ވަރަށް ކައިރިވާނެއެވެ. އެހެންކަމުން އެ ގެއަށް ގޮސް މޫދަށް އެރި އުޅުނީމެވެ. ބިން ހިއްކުމަށްފަހު މާބޮޑަށް އާބާދުނުވެ އޮތުމުން، އެ ހިސާބުގައި ބޮޑެތި ހުސްބިންތައް އޮވެއެވެ. ހުސްކޮށް ބިންތައް އޮންނަ ސަބަބެއް ކަމަށް ފެންނަނީ، ބޮޑުދިޔައިގައި ލޮނު އެރުމާއި، ފެނުގެ ދަތިކަމާއި، އެކަށީގެންވާ ފާޚާނާ ނިޒާމެއް އެހިސާބުގައި ނެތުމެވެ. އަދި އެ ހުސްބިންތަކުގައި ޢާއިލާގެ މީހުން އެއްވެ މަސްފިހެ ހެދި ހަނދާންތައް ވެސް އަދިވެސް ހުރެއެވެ.
އަޅުގަނޑު އެންމެ ފުރަތަމަ ރޯދަ ހިފި ދުވަހު، އަޅުގަނޑު ބޭނުން ކާއެއްޗެއް ގަނެދެއްވުމަށް ބައްޕަ އަޅުގަނޑު ބާޒާރަށް ގެންދެވިއެވެ. އެނބުރި އައި މަގުމަތީގައި، އަޅުގަނޑު ރޯދަ ހިފި ޚަބަރު ދިނުމަށްޓަކައި ތުއްތަމެންގެއަށް ވެސް ވަނީމެވެ.
ޢާއިލާގެ އެކި އެކި ކަންކަމުގައި ކޮންމެވެސް ވަރަކަށް ތުއްތައާ ބައްދަލުވެއެވެ.
މިއީ 2024 ވަނަ އަހަރުގެ ކުރީކޮޅު ރަސްފަންނުގައި އޮތް ހަރަކާތަކަށް ދިޔަ މަގުމަތީގައި، ތުއްތައާ ދިމާވެގެން ނަގާފައިވާ ފޮޓޯއެކެވެ.
ދެން މި ފެންނަނީ އަޅުގަނޑުގެ ދޮންބެ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތްއިރު ނަގާފައިވާ ފޮޓޯއެކެވެ. ތުއްތައަކީ ދޮންބެ ނިޔާވުމާ ހަމައަށް ވެސް، ކޮންމެ ދުވަހަކު ހޮސްޕިޓަލަށް ގޮސް ދޮންބެގެ ޙާލު ބައްލަވަމުން ގެންދެވި އޯގާތެރި ބޭފުޅެކެވެ.
މިހާރު ތުއްތަ އުމުރުން 83 އަހަރެވެ. އަޅުގަޑުގެ ދުޢާއަކީ ތުއްތަ ހެޔޮ ސިއްހަތެއްގައި ލެއްވުމާއި އަބަދުވެސް އުފާވެރިކަން މިންވަރު ކުރުއްވުމެވެ.


