އަޅުގަނޑުމެން މިއަދު މި ދިރިއުޅޭ ރާއްޖޭގެ މާހައުލާއި، ރާއްޖޭ 80 ގެ އަހަރުތަކުގައި އޮތްގޮތާ ދެމެދު ބޮޑު ތަފާތެއް އޮވެއެވެ. އަޅުގަނޑުމެންގެ އުމުރުގެ މީހުންނަކީ އޭރު ފުރާވަރު އުމުރު ގުނަމުންދިޔަ މީހުންނެވެ. އަޅުގަނޑުމެނަކީ މިތަފާތު ތަޖްރިބާ ކުރި ޖީލުގެ މީހުނެވެ.

"ކުރުވާހަކަ 80 ގެ އަހަރުތަކުގެ ކުރީކޮޅު" މި ނަމުގައި ފޮތެއް ނުކުތުމުން، އެ ފޮތް ކިޔައިލުމުގެ ޝައުގުވެރިކަން އުފެދުނެވެ. މި ފޮތުގައި ފަސް ކުރުވާހަކައެއް ހިމެނިފައިވެއެވެ. މި ފޮތް ލިޔުއްވާފައިވަނީ ރައީސް މުޙައްމަދު ނަޝީދެވެ.

މި ވާހަކަތަކުން، އެ ދުވަސްވަރު ރާއްޖޭގެ ކަންކަން ހިނގަމުންދިޔަ ގޮތް ކޮންމެވެސް ވަރަކަށް މަޖާޒީ ގޮތެއްގައި ސިފަކޮށްދީފައިވެއެވެ. އަދި ކޮންމެ ވާހަކައެއްގެ ވެސް މައިގަނޑު ޝަހުސިއްޔަތުތައް، ވާހަކަ ކިޔަމުންދާއިރު ސިފަވެގެންދެއެވެ.

މި ވާހަކަތަކުގެ ތެރޭގައި "މުސަބަރު" ގެ ނަމުގައި ކުރުވާހަކައެއް ހިމެނެއެވެ. އެއީ ތާރީޚީ ވާހަކައެކެވެ. ރާއްޖެ މިނިވަންވުމުގެ ކުރިން، ސިޔާސީ ފަރާތްތަކުން ވެރިކަމަށް ދަހިވެތިވެފައި އޮތް މިންވަރުން، ބޭރުގެ ނުފޫޒު ރާއްޖެއަށް ވަދެގެން އައިއިރު ބޭނުންކުރި އުކުޅުތަކުގެ ވާހަކައެވެ. މީގެއިތުރުން ސިލޯނުގެ ކަންކަމުގެ ވާހަކަ ވެސް މި ވާހަކައިގައި ގެނެސްދީފައިވެއެވެ. މަންޒަރެއް ސިފަކޮށްދެއްވާފައިވާ ގޮތް ވަރަށް ހިތްގައިމެވެ.

"އަރައިގެން އައި އިރުގެ ހޫނުކަން މުޅި ދުނިޔެ މައްޗަށް ފެތުރެމުން ދިޔަ ނަމަވެސް، މުސަބަރާއި ގަވަރުނަރު ހެނދުނުގެ ސައިފޮދައިގެން އެ ތިއްބެވި ގަވަރުނަރުގެ ރަސްމީ ގަނޑުވަރަށް އެ އިރުގެ ދިލަ ހޫނު ހަމަލާ ދެވޭނެ އެއްވެސް ގޮތެއް ނެތެވެ. ބިޔަ، ބޮޑެތި ގަސްގަހާއި ބޯ، އޮމާން، މަޚުމާ ދޫލައެއް ފަދަ ވިނަގަނޑާއި، ފެން އާރުތަކުން ފުރިފައިވާ ބަގީޗާއަށް ކުރިމަތިލައިގެން ތިބި މުސަބަރާއި ގަވަރުނަރުގެ ފެންޑާއަށް އިރުގެ އަލި ފޫއަޅުވާލެވުމަށް ކުރަމުންގެންދާ މަސައްކަތް ހައްތާ އެދަނީ ނާކާމިޔާބުވަމުންނެވެ."

މިފަދަ ގޮތްގޮތަށް އެހެން ވާހަކަތަކުގައި ވެސް ކަންކަން ބަޔާންކޮށްދީފައި އެބަހުއްޓެވެ. ފޮތުގެ ހުރިހާ ވާހަކަތަކެއް ވެސް ތަރުތީބުކޮށްލާފައިވާ ގޮތުން، ފޫހިކަމެއް ނެތި ގަނޑަކަށް ފަހު ގަނޑެއް ބޭއިޚްތިޔާރުގައި އެއްލެވެއެވެ.

ވާހަކަތަކުގައި "ހަސަން ކުރުސި" ކިޔާ ވަރަށް ޚާއްޞަ ޝަހުސިއްޔަތެއް އުޅެއެވެ. ފޮތް ކިޔައި ނިންމާލާއިރު ހީވަނީ މިއީ ޚިޔާލީ ޝަހުސިއްޔަތެއް ނޫން ހެންނެވެ.

މިއީ ކުރުވާހަކަތަކެއް ހިމެނޭ 123 ޞަފްޙާގެ ކުޑަ ފޮތެއް ނަމަވެސް، މިއީ މަޖާ، ތާރީޚީ، ލޯބީގެ އަދި މުޖުތަމަޢުގެ ކަންކަމުގެ މަޢުލޫމާތު މޮޅަށް އެކުލަވާލެވިފައިވާ ފޮތެކެވެ. މިއީ ސައިތައްޓަކާއެކު ޖައްސާލައިގެން އިނދެ ކިޔައިލަން ވަރަށް ފުރިހަމަ ފޮތެކެވެ.

ފޮތުގެ އަރިމާތީގައި ފޮތުގެ ނަން ލިޔެފައި އޮތްނަމަ ފޮތްހަރުގަނޑުގައި ޖަހާލާފައި ހުންނައިރު ހޯދާލަން ފަސޭހަވާނެއެވެ.