އެމެރިކާގެ 42 ވަނަ ރައީސް ބިލް ކްލިންޓަން، އެމަނިކުފާނުގެ ރައީސްކަމުގެ ފުރަތަމަ ދައުރުގެ މެދުތެރޭ ހިސާބުގައި ވައިޓް ހައުސްގައި އިންޓާނެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ 22 އަހަރުގެ މޮނިކާ ލެވިންސްކީއާ އެކު ގުޅުމެއް ބާއްވަން ފެއްޓެވިއެވެ. އޭރު ރައީސް ކްލިންޓަންގެ އުމުރުފުޅަކީ 49 އަހަރެވެ.
އޭގެ އަހަރުތަކެއް ފަހުން، ކްލިންޓަންގެ ރިޔާސީ ދައުރަށްފަހު، އެމަނިކުފާނުގެ ޙަޔާތުނާމާ ލިޔުމަށް އެޑްވާންސްގެ ގޮތުގައި 15 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވިއެވެ. ނަމަވެސް، މޮނިކާ މަތީ ތަޢުލީމު ޙާޞިލުކުރުމުން—މާސްޓާސް ޑިގްރީއެއް އޮތް ނަމަވެސް—އޭނާއަށް އެއްވެސް ތަނަކުން ވަޒީފާއެއް ނުލިބުނެވެ.
މި ދެމީހުންނަކީވެސް އެއް ފަޟީޙަތެއްގެ މައިގަނޑު ދެ ޝަޚްޞިއްޔަތެވެ. އެހެންނަމަވެސް، އެ ހާދިސާއަށްފަހު ދެމީހުންނަށް ލިބުނު ފުރުޞަތުތަކާއި ގޮންޖެހުންތައް އުޑާއި ބިމާހާ ތަފާތެވެ.
މި ގުޅުން ޢާންމުންނަށް ފަޅާއެރުމާއެކު، މޮނިކާގެ އަމިއްލަ ދިރިއުޅުމުގެ ސިއްރު ވާހަކަތަކާއި، އޭނާގެ ސިފައާއި، އަމިއްލަ ކަންކަން މުޅި މީޑިއާގެ ސުރުޚީތަކަށް އަރައި، މަލާމާތާއި ފުރައްސާރައިގެ އަމާޒަކަށް އޭނާ ވިއެވެ.
މި މައްސަލައިގައި ކްލިންޓަން މަޤާމުން ވަކިކުރުމުގެ މަރުޙަލާތަކެއް ކުރިއަށް ދިޔައެވެ. ނަމަވެސް 1999 ވަނަ އަހަރު ސެނެޓުން އޭނާ ކުށްވެރިނުވާ ކަމަށް ނިންމުމާއެކު، ރިޔާސީ ދައުރު ފުރިހަމަކުރުމުގެ ފުރުޞަތު ލިބުނެވެ. ކްލިންޓަނަށް ރިޔާސީ ދެވަނަ ދައުރު ފުރިހަމަ ކުރަން ލިބުނު ކަމުގައި ވިޔަސް، މި ދައުރު ވެގެންދިޔައީ ވަރަށް ނުތަނަވަސް، އަދި ލެވިންސްކީގެ ގުޅުމާ ގުޅިގެން މުޅި ދައުރަށް އެކަމުގެ ނުތަނަވަސްކަން ފެތުރިގެން ދިޔަ ބޮޑު ކަމަކަށެވެ.
ފަހުން ކްލިންޓަންއަށް ފޮތް ލިޔުމުގެ އެއްބަސްވުންތަކާއި، މިލިއަނުން އާމްދަނީ ލިބޭ ތަޤުރީރު ދިނުމުގެ ފުރުޞަތުތައް ފުލުފުލުން ލިބެމުންދިޔައެވެ. މޮނިކާވެސް އޭނާގެ ޙަޔާތާ ބެހޭ ފޮތެއް ނެރުމުގައި ބައިވެރިވެ، އަމިއްލަ ފިހާރައެއް ހުޅުވައިގެން މަސައްކަތް ފެށިއެވެ. ނަމަވެސް އެ ފަޟީޙަތުގެ ހިޔަނިން ސަލާމަތްވެ، ރަނގަޅު ވަޒީފާއެއް ހޯދުމަކީ އޭނާއަށް ނުހަނު ދަތި ކަމަކަށް ވިއެވެ.
މޮނިކާ ވަނީ 2006 ވަނަ އަހަރު ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްއިން ސޯޝަލް ސައިކޮލޮޖީގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކޮށްފައެވެ. އެހެންނަމަވެސް، 2014 ވަނަ އަހަރު އޭނާ ހާމަކުރި ގޮތުގައި، ވަޒީފާ ދޭ ފަރާތްތަކުން އޭނާއަށް ވަޒީފާ ނުދެނީ ކުރިން ވައިޓްހައުސްގައި ހިނގި ހާދިސާއާ ގުޅުވައިގެންނެވެ. އެހެންކަމުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް އޭނާއަށް މަޖުބޫރުވީ އަމިއްލަ މަޝްރޫޢުތަކަށާއި، ޢާއިލާއާއި ރައްޓެހިންގެ އެހީތެރިކަމަށް ބަރޯސާވާށެވެ.
މޮނިކާ 2018 ވަނަ އަހަރު ހާމަކުރި ގޮތުގައި، އެހީ ހޯދައިދީ ފޯރުކޮށްދިނުމުގެ ޙަފުލާއަކަށް އޭނާއަށް ދީފައިވާ ދަޢުވަތު ވަނީ، ކްލިންޓަން އެ ޙަފުލާގައި ބައިވެރިވެވަޑައިގަންނަވާތީވެ އަނބުރާ ގެންގޮސްފައެވެ. އެ ޙަފުލާ އިންތިޒާމުކުރި މަޖައްލާއިން އެކަމަށް މަޢާފަށް އެދުނު ނަމަވެސް، ކުރީގެ ރައީސްގެ ތަރުޖަމާނު ވިދާޅުވީ އެ ދަޢުވަތު ކެންސަލްކުރިކަން ކްލިންޓަންއަށްވެސް އަދި އެމަނިކުފާނުގެ ޓީމަށްވެސް އެނގިފައިނުވާ ކަމަށެވެ.
ދުވަސްތަކަކަށްފަހު، މޮނިކާ ވަނީ ލިޔުންތެރިއެއްގެ ގޮތުގައާއި ފުރައްސާރަކުރުމާ ދެކޮޅަށް މަސައްކަތްކުރާ އެކްޓިވިސްޓެއްގެ ގޮތުގައި އާ ޙަޔާތެއް ބިނާކޮށްފައެވެ. އަދި 2025 ވަނަ އަހަރު އޭނާ ވަނީ އަމިއްލަ ޕޮޑްކާސްޓެއްގެ މަސައްކަތް ފަށާފައެވެ. މި ހިނގާދިޔަ ހާދިސާއަކީ ކްލިންޓަންއަށް އެމަނިކުފާނުގެ ދިގު ޙަޔާތުނާމާގެ ކުޑަ ބާބެކެވެ. ނަމަވެސް، މޮނިކާ އެތައް އަހަރެއް ހޭދަކުރަން ޖެހުނީ އެ ބާބަކީ އޭނާގެ މުޅި ދިރިއުޅުމުގައި ސިއްކަޖެހިގެންދާ ކަމަކަށް ވިޔަނުދިނުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމުގައެވެ.
ކްލިންޓަން – މޮނިކާގެ ގުޅުމުގައި އެހެން ފަރާތެއްގެ ނުފޫޒު
މި ހިނގާދިޔަ ހާދިސާގައި މޮނިކާ ލެވިންސްކީ ކަންތައް ކުރަމުންގެންދިޔައީ ބޭރު ދައުލަތެއްގެ ނުފޫޒުން ކަމަށްވެސް ވަރަށް ގިނަ ފަރާތްތަކުން ތުހުމަތުކުރެއެވެ. އަދި މޮނިކާ ލެވިންސްކީގެ ފޯނުކޯލެއްގެ ރެކޯޑިން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އަތުގައި އޮތް ކަމަކީ މިހާރު ކަށަވަރުވާ ކަމެކެވެ.
އެހެންކަމުން ބިލް ކްލިންޓަން ވައިޓްހައުސްގައި ހޭދަކުރެއްވި ދެވަނަ ދައުރު ވެގެންދިޔައީ މެދުއިރުމައްޗަށް ގެންގުޅުއްވި ސިޔާސަތު ބަދަލުވެގެންދިޔަ ދައުރަކަށެވެ. ފަލަސްޠީނާއި އިޒްރޭލުގެ ޞުލްޙައިގެ ވާހަކަތައް ކުރިއަށް ގެންދިޔަ ކަމުގައި ވީނަމަވެސް، ޢިރާޤާ މެދު އެމެރިކާއިން ޢަމަލުކުރަމުން ގެންދިޔައީ އެކަހެރިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ. މިއީ ހަމަގައިމުވެސް އިޒްރޭލުން އެންމެ ބޭނުންވާނެ ގޮތެވެ.
ރާއްޖޭގައި މިފަދަ ހާދިސާއެއް
ރާއްޖޭގައިވެސް މިވަނީ މިފަދަ ތުހުމަތުތަކެއް ކުރެވިފައެވެ. އެއީ ރައީސް އޮފީހާއި، ރައީސާއި، އަދި އެ އޮފީހުގައި މަސައްކަތްކުރާ ކުއްޖަކާ ގުޅުވައިގެންނެވެ. އުމުރުގެ ފަރަގުވެސް ހުރީ ހަމަ މިފަދަ ގޮތަކަށެވެ.
އަޅުގަނޑުމެންގެ ތެރޭގައި މިދަނީ ކިހިނެއްތޯ ކަންކަން ކުރަމުންނެވެ؟ މިއަދު މި މައްސަލަ މިއޮތީ ކޯޓުގައެވެ. އަޑުއެހުންތައް ކުރިއަށްދަނީ ސިއްރުކޮށްގެންނެވެ. މިފަދަ ވާހަކައެއް ދައްކާ ފަރާތެއްވެސް މިވަނީ ކުށްވެރިވެފައެވެ. މީޑިއާގައި ފާޅުގައި މި ވާހަކަ ދެއްކުން މިވަނީ ޖެހިލުންވާ ކަމަކަށް ވެފައެވެ.
އަދި ހުސްވި ހުކުރު، 16 އޮކްޓޫބަރު 2026 ގެ ޚުޠުބާގައި ވަނީ މިފަދަ ކަންކަމުގައި ދީނުގައި އޮންނަ ގޮތް ސާފުކޮށްދެއްވާފައެވެ. ﷲ ގެ ވަޙީބަސްފުޅުގައިވާ ގޮތަށް ބަޔާންކޮށްފައިވަނީ: "އިސްލާމްދީނުގައި އިންސާނާގެ އަބުރު ރައްކާތެރިކުރުމަށްޓަކައި އެތައް ކަމެއް ޝަރުޢުކުރައްވާފައިވެއެވެ. އެގޮތުން މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ، އެކަމުގެ މައްޗަށް ހަތަރު ފިރިހެނުންގެ ހެކިބަސް ނުގެނެވުނު ނަމަ، ލަޢުނަތްލެއްވިގެންވާ ބޮޑު ފާފައެކެވެ. އެ ތުހުމަތުކޮށް ވާހަކަ ފެތުރި ކޮންމެ މީހެއްގެ ގައިގައި އަށްޑިހަ އެތިފަހަރުން ޙައްދު ޖެހުމަށްފަހު، އެއީ ފާސިޤުން ކަމުގައި ބަލައި، ދުވަހަކުވެސް އެމީހުންގެ ހެކިބަސް ޤަބޫލުނުކުރުމަށް އަންގަވައެވެ."
ހަމައެހެންމެ، މީހަކާމެދު ގޯސްކޮށް ހީކުރުމަކީ އިސްލާމްދީނުގައި މުޅިން ނަހީކުރައްވާފައިވާ ކަމެކެވެ. އަދި އެފަދަ ހީކުރުންތަކުގެ މައްޗަށް ބިނާކޮށް މީސްމީހުންގެ ޒާތީ ކަންކަން ބަލައި، ޖާސޫސްކޮށް އުޅުމަކީވެސް ޙަރާމް ކަމެއް ކަމުގައި ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
މި ބާވަތުގެ ޝަރީޢަތެއް ކޯޓެއްގައި ހިނގަމުންދަނިކޮށް، އިތުރު ބަޙުޘެއް މިކަމުގައި ނެތް ގޮތަށް ޚުޠުބާގައި މިހެން އައުމުން، ދެން އަޅުގަނޑަށް ލަފާކުރެވެނީ މިހާރު ނިޔާ އިއްވުނީ ކަމަށެވެ. އެހެނީ، އަޅުގަނޑުމެންގެ އަސާސް ފެށިގެން އަންނަނީ ކީރިތި ޤުރްއާނުންނެވެ.
މިހާރު މިތިބީ ސަރުކާރާއި ކޯޓާއި ދީނީ ފަރާތްތައް އެއްގަލަކަށް އަރައެވެ. އެހެންކަމުން މިވަގުތު އިތުރު ދޮރެއް ހުޅުވިދާނެ ކަމަކަށް ނުފެނެއެވެ. ހުކުން މިއޮތީ އިއްވަވާފައެވެ.
މީގެ އިތުރުން ފެނިގެން މިދަނީ އެމެރިކާގައި ދިމާވި ކަހަލަ ކަންތައްތަކެކެވެ. ނަމަވެސް ރާއްޖޭގައި މި ފެންނަނީ އެއަށްވުރެވެސް މާ ގޯސްކޮށެވެ. މީސްމީޑިއާގެ ޚަބަރުތަކުން ފެންނަ ގޮތުގައި، މިކަމުގައި ރައްދުވާ އަންހެން ކުއްޖާގެ ޢާއިލާގެ މެންބަރުންނަށްވެސް އެކި އެކި ފުރުޞަތުތައް ނުފޫޒުގެ ސަބަބުން މިދަނީ ގެއްލެމުންނެވެ.
ރާއްޖޭގެ ހާދިސާއާއި ބޭރުގެ ނުފޫޒެއް ވޭބާ؟
އެމެރިކާގެ ކުރީގެ ރައީސް ކްލިންޓަނާ ކުރިމަތިވި މައްސަލައާއި، ރާއްޖެއާ ގުޅުންހުރި އަނެއް ކަމަކީ ފޯނުކޯލުތަކެވެ. އެއް ރޭއްގައި އެތަށް ފަހަރަކު ހިނގި ފޯނުކޯލުތަކުގެ ވާހަކަ ނޫސްވެރިން އެކި އެކި މަންސަތަކުގައި ދައްކަމުން، އަދި އެކި ޚަބަރުތައް ލިޔަމުން އެބަދެއެވެ. މިހާ ގިނަ ފަހަރަކު ފޯނުކޯލުތަކެއް ކުރަން ޖެހުނު ބޭނުމެއް އޮންނާނެއެވެ.
މި ފޯނުކޯލުތަކުގެ ރެކޯޑިންތަކެއް ކޮންމެވެސް ސިއްރު ޖާސޫސީ ޖަމާޢަތެއްގެ އަތުގައި މިހާރު އޮތުމަކީވެސް ވެދާނެ ކަމެއް ނޫންތޯއެވެ؟ އެހެން ވެއްޖެނަމަ، މިއަދު މި ރާއްޖޭގެ ބިން—ރަސްމާލެ—ވިއްކާލަން މަޖުބޫރުވެގެން މިއުޅެނީ މި ސަބަބާ ހުރެ ކަމަށްވެސް ވެދާނެއެވެ. ރަސްމާލެ ބިމާއި ޔަހޫދީންގެ ނުފޫޒާއި ގުޅުން ހުރިކަމަށް ވަރަށް ގިނަ ފަރާތްތަކުގެ ކަންބޮޑުވުންތައް ދަނީ ފާޅުކުރަމުންނެވެ. ނަމަވެސް ރައްޔިތުންގެ އެއްވެސް ކަންބޮޑުވުމަކަސް ފަރުވާލެއް ނުބަހައްޓާ ރަސްމާޅެ ބިން ވިއްކާލުމުގެ ސިއްކަ ޖަހަމުން އެދަނީއެވެ. މީގެ ސަބަބުތަކަށް ފުންކޮށް ވިސްނާލަން ޖެހެއެވެ.
ޖާސުސީ އިދާރާތަކުން މިއަދުވެސް އަންހެންކުދިން ބޭނުންކޮށްގެން މާމުއި ދަންތުރާގައި ޖައްސާގެން އެފަރާތުން ބޭނުންވާ މީހުން ބްލެކްމެއިލުގެ ޝިކާރައަކަށް ހަދަމުންގެންދެއެވެ. އަދި މުގާބިލުގައި ބޭނުންވާ ކަންކަން ކުރުވައެވެ.
މިއަދު މި ފެންނަނީ ރަސްމާލެ ޑީލާއި، ތުހުމަތު ކުރެވިގެން އުޅޭ ބަދުއަޚްލާޤީ މައްސަލައިގެ ހުރިހާ ކަމެއް ފޮރުވަން މަސައްކަތް ކުރަމުންދާ ތަނެވެ. މި ދެ ކަންތަކުގެ ދެމެދުގައި ގުޅުމެއް ހުރުމަކީ ވުން އެކަށީގެންވާ ކަމެއް ކަމަށް ލަފާކުރެވެނީ މިހެންވެސް ވެގެންނެވެ. މީގެ ތިރީހަކަށް އަހަރު ކުރިން ވައިޓްހައުސްގައި ހިނގި ބަދުއަހްލާގީ އަމަލާއި ރާއްޖޭގައި ތުހުމަތު މިކުރެވޭ މައްސަލައާއި މާބޮޑު އިއްތިފާގު ތަކެއް އެއްގޮތް ކަަންތައްތަކެއް އެބަހުރި ނޫންތޯ؟