މިގައުމުގައި މި ފަހުން ހިނގާދިޔަ ފަސާދައިގެ އެންމެ ބޮޑު އެއް މައްސަލައަކީ ހަމަގައިމުވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެވެ. މިފަސާދައިގެ ކަންކަން ހިންގާފައިވަނީ ރައީސް ވަހީދާއި ރައީސް ޔާމީންގެ ދައުރުގެ ޓުއަރިޒަމް މިނިސްޓަރ އަދި ފަހުން ނައިބު ރައީސް ކަމުގައިވާ ހުންނެވި އަހްމަދު އަދީބެވެ. މި ކޮރަޕްޝަންގެ ކަންކަން ހިގައި ދިޔައީ 2012 އިން ފެށިގެން 2015 އާއި ދެމެދުއެވެ.

ތިން އަހަރުގެ މުއްދަތުގައި މިފަދަ ބޮޑު ޚިޔާނާތެއް ހިންގޭނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކުގައި ކަން ކަށަވަރެވެ. އަދި މިޚިޔާނާތުގެ މަންފާވެސް ވަނީ ވަރަށް ގިނަ ފަރާތްތަކަށް ކޮށްފައެވެ. މިކަން ސާބިތުވެގެން ދަނީ މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ، އަދީބުގެ ފޯނުން ނަގާފައިވާ ފޮރެންސިކު ރިޕޯޓުންނެވެ.

މިރިޕޯޓުގެ ސައްޙަކަމާއި މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ދިޔަކަމުގައި ވީނަމަވެސް މިފަސާދައަކީ ނުހިނގާ ކަމަކަށް ނުވާނެއެވެ. ރިޕޯޓުގައި ހުރި ބައެއް މައުލޫމާތު ދޮގު ކުރެވިދާނެއެވެ. އެހެން ނަމަވެސް ޖުމްލަކޮށް ރިޕޯޓުގައި ފެންނަން ހުރި ވާހަކަ ތަކަކީ އެދުވަސްވަރު ހިނގި ކަންކަމާއި ގުޅުވާލެވޭ ވާހަކަތަކެވެ.

މީސްމީޑިއާގައި ޙަރަކާތްތެރިވާ، ރައްޔިތުންގެ ނޫސްވެރިން - ވަކި ފަރާތެއްގެ ނުފޫޒެއް ނެތި،  މިރިޕޯޓުން އެފަރާތްތަކަށް  ކަންބޮޑުވާ ކަންކަން  އެކްސް އަދި ފޭސްބުކް ގައި ދަނީ ޕޯސްޓުކުރަމުންނެވެ. އެފަރާތްތަކުގެ ކަންބޮޑުވުންތައް ފާޅު ކުރަމުން ދަނީ އަޅުގަނޑުމެންގެ އެތިކްސް ގެއްލިފައި ހުރި ކަމާއި، ނުފޫޒު ހުރި ވަޒީފައި ތަކުގައި ތިބި ފަރާތްތަކުން ކަންކަން ކޮށްފައިވާ ހުތުރު ގޮތުގެ މައްޗަށެވެ. އަދި ނޫސްވެރިންތެރެއިން އަދީބާއި ގުޅުން ހުރިފަރާތްތަކުގެ ވާހަކަތައްވެސް އާންމުރައްޔިތުން ދަނީ ހާމަކުރަމުންނެވެ.

 

ސަރުކާރަށް ކޮރަޕްޝަން ނުފެނޭ

އެމްއެމްޕީއާރުސީގެ ފަސާދައިގެ މައްސަލަ ހިނގައި ދިޔަތާ މިހާރު 10ވަރަކަށް އަހަރުވީއެވެ. އަދިވެސް އަޅުގަޑުމެން މިތިބީ މިކަމުގެ އެންމެ ފުންމިނަށް ދެވޭނެގޮތެއް ނެތިފައެވެ. އަދީބަށް މާއާފުވެސް ލިބިގެން މިހާރު ދިރިއުޅެނީ މިޤައުމަކުވެސް ނޫނެވެ. އަޅުގަނޑު ހިތުން އެނާގެ ނުފޫޒު މިހާރު ކުރިން ހުރިހާ ވަރުގަދައެއް ނުވާނެއެވެ. އެހެންނަމަވެސް މިކޮރަޕްޝަންގައި ބައިވެރިވި އަދި މަންފާކުރި ފަރާތްތަށް ހާމަނުކުރުމަށް ހުރަސްތަކެއް އެބަހުރި ކަން ޔަގީނެވެ. ސަބަބަކީ، މިކަމުގައި ބައިވެރިވެފައި ހުރި ފަރާތްތައް ފަހުން އައި ކޮންމެ ސަރުކާރެއްގެވެސް ނުފޫޒު ފޯރުވޭ ވަޒީފާތަކާއި ރައްޔިތުންގެ މަޖްލިސްތެރޭގައި ހިމެނޭތީއެވެ. އެހެންކަމުން މިމައްސަލާގެ އެންމެ އަޑިއެއް، އަދި ހަޤީގަތެއްވެސް ނުހޯދޭނެއެވެ. ރައްޔިތުންގެ ފައިސާ އަދި މި ޤައުމުގެ މާލިއްޔަތަށް ލިބުނުގެއްލުން އަނދާޒާއެެއް ނުކުރެވޭނެއެވެ.

މިހެން ދަންނަވަންމިޖެހެނީ، އާންމުވެގެން އުޅޭ މައުލޫމާތު މަތިމަތިން ބަލާލުމުންވެސް އެނގެނީ ގައުމު ހިންގުމަށް ގާއިމުމިކޮށްފައިވާ ޑިމޮކްރެޓިމް ގަވަނަންސް ނިޒާމު މިވަނީ ގުޑުވާލާފައިކަމެވެ. އެނިޒާމު ހިންގަން މަތިވެތިބި ފަރާތްތައް މިވަނީ މިކޮރަޕްޝަންގައި ފުރިހަމައަށް ބައިވެރިވެފައެވެ. އަޅުގަޑުމެން ޑިމޮކްރެޓިކް ނިޒާމް އޮމާންކަމާއެކު ހިންގަންވެގެން ކަނޑައަޅާފައިހުރި ހަމަތަކާއި ފާރުތައް މިވަނީ ފޫއަޅުވާލާފައެވެ. ޑިމޮކްރެޓިކް ނިޒާމުގައި ކަނޑައެޅިފައި ހުރި އެއްބާރާއި އަނެއްބާރު ތިބި މީހުން މިވަނީ ގުޅިގެން އަމިއްލަ ފައިދާއަށް މަަަސައްކަތްކޮށްފައެވެ. އެހެންކަމުން މިކަމުގެ ތަޙުގީގެއް މިއަދު ހިނގާނީ ކިހިނެއްތޯއެވެ.

 

މަޖްލިސުން ދޭ އެއްބާރުލުން

ފެރެޑޭ ފޮރެންސިކުގައި ހުރި ބައެއް މައުލޫމާތުތަކަށް ބަލާލުމުން ފެންނަންއޮތީ، ރައްޔިތުންގެ މަޖްލިސް މެންބަރުން ސަރުކާރު ބޭނުންވާގޮތަށް ދީލާލަނީ، އެމީހުންނަށް ނުހަމަ މާލީ އެހީތެރިކަން ލިބޭ ގޮތަށެވެ. ރިސޯޓެއްގެ ޑީލެއް ނިންމުން، ކޮންމެވެސް ދަތިކަމެއް ފިލުވާ ދިނުމަށް ފައިސާ ކޮޅެއްގެ ދިނުން ފަދަ ކަންކަމެވެ. މިގޮތަށް މަޖްލިސް މެންބަރު ވޯޓު ދިނުމުން ނިކުންނަ ނަތީޖާތައް މިއަދު ފެންނަ އެހެރީއެވެ. އެސީސީގެ މެންބަރުކަމަށް ވަކި ބައެއް އައްޔަންކުރުމާއި، އެމީހުންގެ މަސައްކަތް ރަނގަޅުކަމަށް ވޯޓުދިނުން، ސަރުކާރުން ބޭނުންވާ ޕީޖީއެއް ބެހެއްޓުމަށް ވޯޓުދިނުން، ނައިބު ރައީސްގެ އުމުރުދަށްކޮށް ނާއިބު ރައީސަށް ވޯޓު ހޯދުން ފަދަ ކަންކަމެވެ. މިނިންމުންތަކުގެ ސަބަބުން  ގައުމަށް ލިބުނު ގެއްލުމުން މިއަދުވެސް މިތިބީ ފޫބެއްދޭނެ ގޮތެއްނެތިއެވެ. އާޤާނޫނު އަސާސީއެކު މަޖްލިސް މެންބަރުންގެ މުސާރަ ހުރީ އެހާމެ ބޮޑުކޮށްފައެވެ. އަދި މަޖްލިސް ދައުރު ހަމަވުމުންވެސް މެންބަރުކަމުން ވަކިވި ބޭފުޅުންނަށް ބޮޑެތި އިނާޔަތްތަކެއް ފޯރުކޮށްދެމުން މިދަނީ ނުފޫޒުން އެއްކިބާވެގެން މަސައްކަތް ކޮށްދޭނެ ކަމަށް ދެކިގެންނެވެ. ނަމަވެސް ލައްކައަށްވުރެ ގިނައިން މަހެއްގެ މައްޗަށް މުސާރަނަގާ އަދި އިތުރަށް ކޮންމެ ވޯޓަކަށް ނުހަމަ ފައިސާ ނަގީމައި މިފަދަ ބޮޑު އިނާޔަތެއް ދީފައި ބޭތިއްބުން ޙައްގު ތޯއެވެ؟

 

ފަޑިޔާރުގޭގެ އިހުމާލު

ޑިމޮކްރެޓިކް ނިޒާމެއްގެ އަނެއް ބާރަކީ ޖުޑިޝަރީއެވެ. އެތަނުގެ ފަޑިޔާރުން ދިޔައީ އަދީބާއި އެކިއެކި މުއާމަލާތްކުރަމުންނެވެ. ހާއްސާކޮށް އޭރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަލީ ހަމީދުގެ މެސެޖްތަކެއް ފެރެޑޭ ފޮރެންސިކުގައި ފެންނަން އެބަހުއްޓެވެ. މީގެން ދޭހަވަނީ ފަނޑިޔާރުގޭގެ މައްޗަށް ސަރުކާރުގެ ނުފޫޒު އޮތް މިންވަރެވެ. ސަރުކާރުން ބޭނުންވާ ކަންކަން ކޮށްދޭ ކަމަށްވަނީނަމަ ފަޑިޔާރުން ބޭނުންވާކަންކަންވެސް އެކި ގޮތްގޮތަށް ކޮށްދެންޖެހޭނެއެވެ. އެހެންވީމައި މާރާމާރި އަދި ޑްރަގުގެ މައްސަލަތަކުގައި ބޮޑެތި ކުއްވެރިން ސަލާމަތްވެގެން މިދަނީ ސަރުކާރުގެ ކަންބޮޑުވުމެއް ނެތިއެވެ. މިދެންނެވި ނުފޫޒު އޮތްކަން ފެނިގެންދާ އެންމެ ބޮޑު ހެއްކަކީ ފެބްރުއަރި 2018ގައި ކޯޓު ތެރެއިން ގެންނަށް އުޅުނު އިންގިލާބެވެ.  އެދުވަހު ފަނޑިޔާރުން ހައްޔަރުކުރަން އުޅުމުން ރައްޔިތުން އެމީހުން ސަލާމަތްކޮށްދިނުމަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގަތުމުން އެކަމަށް ރައްޔިތުން އިޖާބައެއް ނުދިނެވެ. ސަބަބަކީ ކޯޓްތަކުގައި ހިންގާ މައްސަލަތަކުގެ ނިޔާ އިއްވަނީ ހަމަތަކުގެ މައްޗަކުން ނޫންކަން ރައްޔިތުންނަށް ޤަބޫލު ކުރެވޭތީއެވެ. އަދި މައްސަލަތައް ނިންމުމުގައި ރިޝްވަތާއި ނުފޫޒު ހިންގާފައިވާކަން އެއީ ރަށުތެރޭ ހަރުއަޑުން ދެކެވޭ ވާހަކަތަކެއް ކަމެވެ. ރައްޔިތުންގެ އިތުބާރު ހޯދަން  ކޯޓްތަކުން މަސަކަތް ކޮށްފައި ނެތެވެ. ސަރުކާރު ނުފޫޒު ފޯރުވައި ފަހަރުތަކުއި ރައްޔިތުންނާއި އެވާހަކަތައް ހިއްސާކޮށްފައެއްނެތެވެ. އަޅުގަޑުމެންގެ އަވަށްޓެރި ބައެއް ޤައުމުތަކުގައި މިގޮތަށް ކޯޓްތަކުން މަސައްކަތްކޮށްފައި އެބަހުއްޓެވެ. އަދި އެގޮތަށް މަސައްކަތްކުރާ ފަހަރުތަކުގައި ސަރުކާރުތަކުންވަނީ ފަހަތަށް ޖެހިފައެވެ. އެހެންކަމުން އަޅުގަޑުމެންގެ ތިން ކޯޓްގައިވެސް ނަޒާހަތްތެރިކަން ހުރިކަމަށް ގަބޫލުކުރަން ވަރަށް ދައްޗެވެ.

 

ނޫސްވެރިކަމަށް ކުރެވޭ ތުހުމަތު

ސަރުކާރުން ތަސްދީގު ކޮށްފައިވާ  މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓް ކުރާ ގާނޫނާއި އެކު، އަޅުގަނޑުމެންގެ ހުރިހާ ނޫސްވެރިން އެކުގައި މަސައްކަތް ކުރާތަން ފެންނަކަމީ ވަރަށް އުފާވެރި މަންޒަރެކެވެ. ހާއްޞަކޮށް އިސްނަގައިގެން އަމިއްލައަށް ރެގިއުލޭޓް ކުރުމުގެ މަސައްކަތް ކުރުމުގެ އަޒުމެއްގެ ފޯރިއެއްގައި ތިބީތީއެވެ. މިކަން އޮންނަންވެސް ޖެހޭނީ މިހެންނެވެ.

އެހެންނަމަވެސް  އާންމުންގެ ފަރާތުން ކުރަމުންއަންނަ ޝަކުވާއަކީ ފެރެޑޭ ފޮރެންސިކު ޚަބަރުތައް ނޫސްވެރިން އެކަށީގެންވޮގޮތަށް ގެނެސްނުދޭ ކަމުގެ ވާހަކަތަކެވެ. ބެލެވޭގޮތުގައި ނޫސްވެރިންގެ ތެރެއިންވެސް ވަރަށް ގިނަ ބަޔަކު މިވަނީ އަދީބުގެ ޚައިރާތުގައި ޖެހެވިފައެވެ. އެހެންނޫންނަމަ އަތްމައްޗަށް އެރި މިވަރުގެ ބޮޑު އެއްޗެއް ވައިގައި ހިތްޕާނުލާ ދޫކޮށްނުލާނެއެވެ. އާންމުކޮށް އަޅުގަނޑުމެނަށް ފެންނަ ނޫސްވެރިން ސިޔާސިފަރާތްތަކުގެ ޚަބަރުތަށް ވަރަށް ޝަޢުގުވެރިކަމާއެކު ގެނެސްދޭނެއެވެ.  ޚަބަރު ވިކެނީވެސ ސިޔާސީ ވާހަކަތައް ސިޔާސީ ކުރިވަރަކުންނެވެ.  ސްޕޮންސަރ ލިބެނީވެސް ސިޔާސީ އެފަރާތްތަކުގެ ފުށުންނެވެ.

ނާއިބު ރައީސްކަމުގައި އަދީބު ހުއްޓާ ބަންދު ކުރި ދުވަސްވަރު، "ޕެނަމާ ޕޭޕާސް" ނަމުގައި ދުނިޔާގެ މަހުޖަނުން ފައިސާ ފޮރުވާގޮތާއި އަދި ގައުމުތަކުގެ މާލިއްޔަތުން ފައިސާ ގައުމުން ބޭރަށް ދޯރިކުރަމުން ދިޔަގޮތުގެ މައުލޫމާތު ބައިނަލްއަޤްވާމީ ނޫސްވެރިންތަކެއް ހާމަކޮށްލިއެވެ. މިމަސަކަތް ނޫސްވެރިން ކޮށްފައިވަނީ، ގާތްގަޑަކަށް އަހަރު ދުވަހު 80 ގައުމެއްގެ ނޫސްވެރިން އެކުވެގެންނެވެ. ދެލައްކައަށް ވެރު ގިނަ ކުންފުނިތަކާއި ފަރާތްތަކުގެ މައުލޫމާތު ވަނީ ދުނިޔެއަށް ހާމަކޮށްދީފައެވެ. ލިބުނު މައުލޫމާތުތައް ތިލަ ކުރެވޭވަރަށް ސާފުކުރެވުނީ އަހަރު ދުވަހުގެ މަސައްކަތުންނެވެ. އަދި މިޚަބަރުތައް ޝާއިއު ކުރީ ހުރިހާ ގައުމެއްގައި އެކުއެކީއެވެ. މިމަސައްކަތްކޮށްފައިވަނީ ވަނީ ސިއްރިޔާތުގައެވެ. މިބީދައިން ރާއްޖޭގެ ނޫސްވެރިން އެކުގައި މަސައްކަތްކޮށް މި ޚިޔާނާތުގެ ޙަގީގަތް ހާމަ ކުރުމުގެ ދަނޑިވަޅު އައިސް މިއޮތީ ޖެހިފައެވެ. މިވަޤުތު ނޫސްވެރިން ތިބީ ވަރަށް ބަދަހިކޮށެވެ.

 

ގެއްލިފައިވާ ރީތި އާދަތައް

ފެރެޑޭ ފޮރެންސިކު ރިޕޯޓުން، ފާހަގު ކުރެވުނު އަނެއްކަމަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި އަދަބު އަޚްލާގު ވީދި ލޫދިފައިވާ މިންވަރެވެ. ދޭދޭ ފަރާތްތައް ތަތްކުރުވުމާއި ފަައިސާ ދީގެން ކަންކަންކުރުވުމާއި މާއްދީ ކަންކަމަށް ހެއްލިފައި ހުރިމިންވަރެވެ. އަދި ދީނީ ގޮތުން މަގުދައްކައިދޭން ތިބި ފަރާތްތަކަށް އަމިއްލަ ނަފުސުގެ އަމަލުތައް ސީދާ މަގުގައި  ނުބެހެއްޓޭކަމެވެ.

އަލުން ފަށައިގަނެވޭނީ

މިހާލަތަށް ގައުމު ވެއްޓިގެން މިދިޔައީ އަޅުގަޑުމެން ގާއިމު ކުރި ނިޒާމު ނަގަހައްޓަން މަަސައްކަތްކުރުމުގެ ބަދަލުގައި އަޅުގަނޑުމެން އެނިޒާމް ގެ ނާޖާއިޒު ފައިދާ ނެގުމަށް އެކިގޮތްގޮތަށް މަސައްކަތްކުރުމުގެ ނަތީޖާއެވެ. އަޅުގަނޑުމެނަށް މިލިބިފައިވާ ޒަޚަމުތަކަށް ފަރުވާހޯދުމަށް މިހާރު އިށީނަން އެބަޖެހެއެވެ. އެއީ މިހާރު ހުރި 'ޗެކް އެންޑް ބެލެންސް'  ހަރދާނާ ކުރެވޭނީ ކިހިނެއްތޯ ދެނެގަތުމުގެ މަގްސަދުގައެވެ.

މިވޭތުވެ ދިޔަ އަހަރުތަކުގައި ޑިމޮކްރެޓިކް ނިޒާމު ހިންގުމުގެ ނަމުގައި މިވަނީ އެތަށް ގޯސްތަކެއް ހެދިފައެވެ. އަޅުގަނޑުމެންގެ އެތަށް ބައެއްގެ ހިތަށް ޒަހަމުތަކެއް މިވަނީވެފައެވެ. މިހާރު މިހިރަ ހެދިފައި ހުރި ގޯސްތަކާއި  އުފެދިފައިވާ ހަސަދައާ ނަފްރަތުން އަޅުގަޑުމެންގެ މުޖްތަމައު ސަލާމަތް ކުރަން އެބަޖެހެއެވެ. މިކަމަށްޓަކައި އަޅުގަޑުމެންގެ ރައްޔިތުންގެ މަޖްލީހާއި، ޖުޑިޟަރީއާއި، ނޫސްވެރިން ރައްޔިތުންގެ ކިބައިން އެންމެ ފުރަތަމަ މާއަފަށް އެދެން އެބަޖެހެއެވެ. އެއަށްފަހު އަޅުގަޑުމެންގެ ގައުމަށް ސަކޭގާވާވަރަށް އަދި މާހައުލަށް ފެތޭގޮތަށް ޑިމޮކްރެޓިކް ނިޒާމު ފަރުމާކުރެވޭނެ ގޮތެއް ހޯދައި ދިނުމަށް އެންމެން އެކުގައި މަސައްކަތްކުރަން ފަށައިގަންނަންވީއެވެ.  

މިލިޔުންވާނީ ފިޔެސް އޮންލައިންގައި 23 ސެޕްޓެމްބަރ 2025 ގައި ޝާޢުކުރެވިފައެވެ.