މިހިނގާ، މޭ މަހުގެ 16 ވަނަ ދުވަހުގެ ހުކުރު ހުތުބާ އަޑުއަހަމުން ދިޔައިރު އަޅުގަނޑަށް ހައިރާން ކަމެއް ވެރިވީ ނަމާދު ފަރުޟުކުރެއްވި އަދަދެއް ޤުރުއާނުގައި ސާފުކޮށް އެގެން ނެތްކަމުގައި އަޑުއިވިގެންނެވެ. މިދުވަހުގެ ޚުތުބާ ހާއްޞަ ކުރެވިފައި އޮތީ "އިސްލާމީ ޝަރީޢަތުގައި ސުންނަތުގެ މަޤާމު" ގެ މައްޗާއި ގުޅޭގޮތުންނެވެ.
އަޅުގަނޑަށް އަޑު އިވުނީ ރަނގަޅަށްތޯ ބަލާލުމުގެ ބޭނުމުގައި އޮންލައިންކޮށް ޚުތުބާ ބަލާލީމެވެ. ހުތުބާގެ 5 ވަނަ ސަފްހާގައި އޮތީ "ނަމާދު ފަރުޟުކުރެެއްވިކަން ކީރިތި ގުރުއާންގައި އެގެންއޮތްކަމުގައިވީ ނަމަވެސް، ނަމާދު އަދާކުރަންވީ ގޮތެއް ކީރިތީ ޤުރުއާނުގައި އައިސްފައި ނުވެއެވެ. ހަމަ އެހެންމެ ފަރުޟުކުރެވުނީ ކިތައް ނަމާދުކަމެއް ކީރިތި ޤުރުއާނުން އެނގޭކަށް ނެތެވެ."މިހެންނެވެ.
މާކުރީގެ ތާރީހެއްގައި ކުލަބު ހައުސްގައި ވާހަކަ ދެއްކި ފަރާތަކުން ވިދާޅުވީ ޤުރުއާނުގައި ފާހަގަ ކުރެވިފައިވަނީ 3 ނަމާދެއްގެ ވާހަކަ ކަމަށެވެ. އެހެން ވެއްޖެ ކަމަށްވީ ނަމަވެސް ނަމާދުގެ އަދަދެއް އެބަ އޮތްތާއެވެ. މިކަމާމެދު އަޅުގަނޑުގެ ވިސްނުން ހިނގާލަން ޖެހުނީ މިހިސާބުންނެވެ.
މިކަމާއި އަޅުގަނޑު ކުރިން ވިސްނާފައި ނެތީ، އެއީ ޤުރުއާނުގައި ފަސް ނަމާދުގެ ވާހަކަ އޮންނާނެކަމަށް، ޤަބޫލުކުރެވިފައި އޮތީމައެވެ. އެއީ އަޅުގަނޑުމެން އެއްވެސް ސުވާލެއްނެތި މިކުރަނީ ފަސް ނަމާދެވެ. ކުލަބު ހައުސުން އަޑުއިވުނު ވާހަކައާއި ގުޅިގެން، އަޅުގަނޑު ކޮންމެވެސްވަރަކަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ހޯދައިލަން މަސައްކަތް ކުރީމެވެ. އަޅުގަނޑަށް ފާހަގަވީ ނަމާދުކުރަންވީ ގޮތް ގުރުއާނުގައި ނެތް ނަމަވެސް ނަމާދު އަދަދު އެނގެން އޮތްކަމަށެވެ. މިއީ ވަަރަށް ފުޅާކޮށް ބަހުސް ކުރެވޭވެސްކަމެކެވެ. އެއީ ޝިއާއީން ތަރުޖަމާ ކުރަނީ ޤުރުއާގައިވަނީ 3 ވަޤުތެއްގައި ނަމާދު ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ސުންނީން ތަރުޖަމާ ކުރަނީ 5 ނަމާދު ފާހަގަ ކުރެވިފައި އޮތް ކަމެވެ. (ރިފަރަންސް)
ޤުރުއާގައި ނަމާދުގެ ނަންތަން - ފަޖުރު، ޒުހުރު، އަޞްރު، މަޢްރިބު އަދި އިޝާ ނަމުން ފާހަގަ ކުރެވިފައި ނެތެވެ. ޤުރުއާނުގައި 67 އާޔަތެއްގައި ނަމާދުގެ ވާހަކަ އައިސްފައިވާކަމަށް ފާހަގަ ކުރެއެވެ. އޭގެ ތެރެއިން އަޅުގަނޑުމެންނަށް މި ވާހަކަ ދެކެވޭ މަައުޟޫއަށް 6 އާޔަތެއް އޮތް ކަމަށްވެއެވެ.
ސޫރަތުއްރޫމް ގެ 17 ވަނަ އާޔަތުގެ ދިވެހި ތަރުޖަމާގައި ވަނީ:
"ފަހެ، ތިޔަބައި މީހުން ރޭގަނޑުގެ ތެރެއަށް ވަންނަހިނދުގައްޔާއި ، ފަތިހުގެ ތެރެއަށް ތިބައި މީހުން ވަންނަހިނދު، ތަސްބީހަ ކިޔައި ނަމާދުކުރާށެވެ."
އަދި ސޫރަތުއްރޫމްގެ 18 ވަނަ އާޔަތުގެ ދިވެހި ތަރުޖަމާގައި ވަނީ:
"އުޑުތަކާއި، ބިމުގައި އެންމެހައި ތައުރީފާއި ސަނާ މިލްކުވެވޮޑިގެންވަނީ އެކަލާނގެއަށެވެ. އަދި އަނދިރިވަމުން އަންނަ ވަޤުތުގައައްޔާއި، ތިޔަބާމީހުން މެންދުރުގެ ވަގުތަށް ވަންނަ ހިނދުގައި (ﷲ އަށް ތިބައި މީހުން ތަސްބީހަ ކިޔައި ނަމާދު ކުރާށެވެ.)"
އިތުރު ބަޔާން
ތަފްޞީރުގެ އަލީގައާއި މުފައްސިރުން މާނަ ކުރައްވާގޮތުގައި މި އާޔަތުގައި މިގެނެވެނީ އަޅުގަޑުމެންގެ ހަޔާތުގެ ދުވަހެއްގެ ހުރިހާ ހަރަކާތްތަކެވެ. އަދި މިއާޔަތުގައި މިގެނެވެނީ ފަސް ނަމާދުގެ ވާހަކަައެވެ. ބައެއް މުފައްސިރުން ފާހަގަ ކުރައްވަނީ، މިއާޔަތުގައި މިވަނީ ހަތަރު ނަމާދުގެ ވާހަކަ އެވެ. އިޝާ ނަމާދު ފަހަގަ ކުރެވިފައިވަނީ ހޫދު ސޫރަތުގައި ކަމަށެވެ.
ސޫރަތުލްހޫދުގެ 114 ވަނަ އާޔަތުގެ ދިވެހި ތަރުޖަމާގައި ވަނީ:
"އަދި ދުވާލުގެ ދެކޮޅުގައްޔާއި، އަދި ރޭގަޑުގެ ބައެއްގައި ނަމާދު ގާއިމު ކުރައްވާށެވެ!. ހަމަ ކަށަވަރުން ނުބައި ކަންތައްތައް، ހެޔޮކަންތައް ނެތިކޮށްލައެވެ. އެއީ ހަނދާން ކުރާބަޔަކަށް ހުރި ވައުޟު އަކާއި ނަސޭހަތެކެވެ."
އިތުރު ބަޔާން
ތަފްޞީރުގައި ވާގޮތުން، ނަމާދަކީ ގޭކުރިމަތީ އޮންނަ ކޯރެއްފަދަ އެއްޗެއް ކަމަށް ރަސޫލުﷲ ﷺ ސަހާބީ ބެކަލުންނަށް ކިޔައިދެއްވިއެވެ. އަދި އެކޯރުން ދުވާލަކު ފަސް ފަހަރު ފެންވަރައިފި ނަމަ އެއްވެސް ހަޑިއެއް ނުހުންނާނެއެވެ. އަދި މި އާޔަތުގައިވެސް ފަސް ނަމާދުގެ ވާހަކަ ގެނެސްފައިވާ ކަމަށް ތަފްސީރުން އެނގެން އޮވެއެވެ.
ސޫރަތުލްބަޤަރާ ގެ 238 ވަނަ އާޔަތުގެ ދިވެހި ތަރުޖަމާގައި ވަނީ:
"ތިޔަބައި މީހުން ނަމާދުތަކާއި ، އަދި ، މެދުނަމާދުގެމައްޗަށް ރައްކާތެރި ވާށެވެ! އަދި ތިޔަބައި މީހުން «ﷲއަށް ކިޔަމަންތެރިވެ މަޑުމައިތިރި ކަމާއެކު (ނަމާދުގައި) ގާއިމުވެ ތިބޭށެވެ."
އިތުރު ބަޔާން
ތަފްޞީރުގައިވާ ގޮތުން މެދު ނަމާދަކީ އަޞުރު ނަމާދެވެ. މިކަމުގެ ދަލީލަކަށް ފާހަގަކޮށްފައިވަނީ އަހްޒާބު ހަނގުރާމައިގައި ރަސޫލުﷲ ﷺ ވަނީ މެދު ނަމާދުން އަޅުގަނޑުމެން ދުރުކުރުވައިފި ކަމަށް ހަދީޘް ކުރައްވާފައެވެ. މިއީ އަޞުރު ނަމާދު ކަމަށް އިބުނު އައްބަސް ފާހަގަކުރައްވައެވެ. ނަމަވެސް އިބުނު އުމަރު މިވަޤުތަކީ ޒުހުރު ކަމަށް ވިދާޅުވެއެވެ. އެހެން ކަމުން ކޮންމެވެސް ވަރެއްގެ ޚިލާފެއް އެބައޮތް ކަމަށް ތަފްޞީރުގައި ފާހަގަކުރެއެވެ.
ސޫރަތުއްނޫރު ގެ 58 ވަނަ އާޔަތުގެ ދިވެހި ތަރުޖަމާގައި ވަނީ:
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުންނަށް މިލްކުވެގެންވާ އަޅުންނާއި ، ތިޔަބައި މީހުންކުރެ ބާލިޢުވުމުގެ އުމުރާ ހަމައަށް ނުފޯރާ ކުޑަކުދިންވެސް، ތިންވަގުތެއްގައި ތިޔަބައި މީހުންގެ ކިބައިން އިޒްނަ ލިބި ގަންނަހުށި ކަމެވެ! އެއީ ފަތިސްނަމާދުގެ ކުރިންނާއި ، މެންދުރު ވަގުތު ތިޔަބައި މީހުންގެ ފޭރާން ލުއި ކޮށްގެންތި ބޭ ވަގުތުގައްޔާއި، އިޝާ ނަމާދުގެ ފަހުންނެވެ. (އެއީ) ތިޔަބައި މީހުން ނިވައިވެ ތިބޭ ތިންވަގުުތެކެވެ. އެވަގުތުތަކަށްފަހު، ތިޔަބައި މީހުންގެ މައްޗަކަށްވެސް އަދި އެއުރެންގެ މައްޗަކަށްވެސް (ވަދެނުކުމެ އުޅުމުގައި ) ކުށެއް ނެތެވެ. (އެއުރެންނީ ) ތިޔަބައި މީހުންގެ އެއްބަޔަކު ތިބޭތަނަކަށް އަނެއްބަޔަކު ވަދެނުކުމެއުޅޭ ބަޔެކެވެ. އެފަދައިން «ﷲ، ތިޔަބައި މީހުންނަށް އާޔަތް ތައް ބަޔާންކޮށްދެއްވަތެވެ. އަދި «ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމް ވަންތަ ރަސްކަލާނގެއެވެ."
އިތުރު ބަޔާން
ތަފްސީރުގައި ވާގޮތުން މިއާތުގައި މިވަނީ އާއިލާ ތެރޭގައި އިޙްތިރާމު ކުރުމާއި އެކަކު އެނެކުންނަށް ޖާގަ ދިނުމުގެ ވާހަކައެވެ. އެއީ ދަރިންނާއި ގޭގައި އުޅޭ ފަރާތްތަކުން ތަންތަނަށް ވަދެ ނިކުމެ އުޅުމުގައި ގެންގުޅެން އޮންނަ ހަމަތަކެވެ. ފަތިހުގެ ވަޤުތުތަކުގައި ގޭތެރޭގައި މީހުން އުޅޭ ތަންތަނަށް ވަނުމުގެ ކުރިން ހުއްދަ ހޯދުމާއި އަދި މެންދުރާއި ރޭނގަޑުގެ ވަޤުތުގައި ނިދުމަށް ހެދުން ލުއިކޮށް ތިބޭއިރު އެކަމަށް އިހްތިރާމު ކުރުމުގެ ވާހަކަ އެވެ. އަދި މި ފާހަގަ ކުރެވިފައި މިވަނީ ނަމާދު ގަޑިތަކާއި ގުޅުން ހުންނަ ގޮތަކަށެވެ.
ސޫރަތުއްތާހާ ގެ 130 ވަނަ އާޔަތުގައި ވަނީ:
"ފަހެ، އެއުރެން ބުނާބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި އިރުއެރުމުގެ ކުރީ ގައްޔާއިި އަދި އިރުއޮއްސުމުގެ ކުރީ ގައި، ކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް ޙަމްދާއި އެކު ތަސްބީޙަ ވިދާޅުވާށެވެ! (އެބަހ:ީ ނަމާދު ކުރައްވާށެވެ!) އަދި ރޭގަނޑުގެ ވަގުތު ތަކުން ބައެއްގައްޔާއި، ދުވާލުގެ ދެކޮޅުގައި ކަލޭގެފާނުު ތަސްބީހަ ވިދާޅުވާށެވެ! (އެބަހ:ީ ނަމާދު ކުރައްވާށެވެ!) އެއީ ކަލޭގެފާނު ރުހި ވަޑައިގަތުމަށްޓަކައެވެ. (އިތުރުބަޔާން: މި އާޔަތުގައި ފަރުޞު ފަސްނަމާދުގެ ވަގުތުތައް ބަޔާން ވެގެންވާ ކަމުގައި މުފައްސިރުން ލިޔުއްވާފައި ވެއެވެ.)
އިތުރު ބަޔާން
ތަފްސީރުގައިވާގޮތުން ބައެއް މުފައްސިރުން ދެކެވަޑައިގަންނަވާ ގޮތުގައި ފަސް ނަމާދުގެ ވާހަކަ މިއާޔަތުގައި ވަނީ ގެނެވިފައެވެ. ސިދާ ވަޤުތުތައް ކަނޑައެޅިގެން ފާހަގަކޮށްފައި ނެތެވެ. ވަޤުތުތައް އަޅުގަނޑުމެނަށް ދެނެގަނެވެނީ ރަސޫލާ ގެ ހަދީޘުންނާއި ސުންނަތުންނެވެ.
ނިންމުން
މުފައްސިރުންގެ ދިރާސާތަކުންނާއި އަދި ޤުރުއާންގެ ތަފްސީރުގެ އަލީގައި އަޅުގަނޑަށް ފެންނަނީ ނަމާދުގެ އަދަދާއި ނަމާދުގެ ވާހަކަ އޮޅުމެއްނެތްވަރަށް ގުރުއާންގައި އައިސްފާވާކަމަށެވެ. އަދި ކޮންމެންޓޭޓަރުންނާއި ދިވެހި ތަރުޖަމާއަށް ބަލާލުމުންވެސް ނަމާދުގެ ވާހަކަ ޤުރުއާންގައި އެބައަޮތްކަން ފެނެއެވެ.
އަޅުގަނޑަށް ޤަބޫލުކުރެވެނީ ޚުތުބާ ލިޔެވުމުގައި ބަސް ބޭނުން ކުރުވުނު ގޮތުން ނުވަތަ ދިރާސާކުރެވިފައި ނެތުމުން ނޫނީ ލިޔުއްވި ފަރާތުގެ މައުލޫމާތު މަދުވުން ފަދަ ކަމެއް ކުރިމަތިވީކަމަށެވެ.
އޮޅުންއަރާ ގޮތަކަށް ޚުތުބާގައި މައްސަލައެއް ގެނެވުމުން އެކަމުގެ ބަހުސް އިތުރުވުމަކީ އެކަށީގެންވާކަމެކެވެ. އަޅުގަނޑުމި ފާހަގަ ކުރާ ޚުތުބާގެ، މަގްޞަދަކީ ހަމަ އެކަނި ޤުރުއާނުގެ އަލީގައި ކަންކަން ނިންމުން އެދެވިގެން ނުވާކަމަށް، ސަބަބުތަކެއް ހުރިކަން ފާހަގަކުރުންކަން، އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑުވެސް ދެކެނީ އަދި ޤަބޫލުވެސް ކުރަނީ އެގޮތަށެވެ. އެހެންނަމަވެސް ތިލަ ކުރެއްވި މައުޟޫ އަކީ، އެހެނީ ފަރުޟު ފަސް ނަމާދަކީ އަޅުގަނޑުމެން މުސްލިމުންގެ ދިރިއުޅުމާއި އަދި ޢަޤީދާ އާއި އެންމެ ގާތުން ގުޅިފައިވާ ކަން ކަމަށްވާތީ، މިފަދަ މައުޟޫތައް ގެނެސްދެއްވާއިރު އާންމު މީހާ އަށް މިފަދަ ހައްޞާސް މައްސަލަތައް އިތުރަށް އޮޅުންއަރާފަދަ ގޮތަށް ގެނެސް ދެއްވުމަކީ، ވަރަށް ދެރަ ކަމެކެވެ.
މިފަދަ ދީނީ ކަމަށް އިންސާފުކުރަން އަޅުގަނޑަކީ އެންމެ އެކަށީގެންވާ ފަރާތް ނޫންކަމަށް އެންމެ ފުރަތަމަ ޤަބޫލު ކުރާނީ ޚުދު އަޅުގަނޑެވެ. އެހެނަސް ކަމުގެ ބާވަތުން ލިޔެލަން ހިތަށް އެރީ އެވެ. މިއީ އަޅުގަނޑަށް މިކަމުގައި ކިޔާލެވިފައި ހުރި މަދު ލިޔުންތަކުގެ އަލީގައި ފަހާގަކޮށްލި ޚިޔާލެކެވެ. އަޅުގަނޑު މިލިޔުން ދީނީ އިލުމުގެ އުގެނިގެން ތިއްބެވި ފަސް ބޭފުޅަކާއި ހިއްސާކޮށްލީމެވެ. މިބޭފުޅުންގެ ތެރޭގައި މީގެ ކުރިން އިސްލާމިކް މިނިސްޓަރުކަން، ކުރައްވާފައިވާ ދެ ބޭފުޅަކުވެސް ހިމެނެއެވެ. މިލިޔުން އާންމު ކުރުން އެންމެ ރަނގަޅު ކަމަށް ވިދާޅުވީ އެންމެ ބޭފުޅެކެވެ. އެހެން ބޭފުޅުން ޖަވާބެއް ނުދެއްވައެވެ.
ރިފަރެންސް
https://presidency.gov.mv/quran
https://islamicaffairs.gov.mv/huthuba/31879
https://myislam.org/are-5-daily-prayers-in-the-quran/
https://m.islamqa.info/en/answers/1092/are-the-five-daily-prayers-mentioned-in-the-quran?traffic_source=main_islamqa
The Holy Qur’an with translation and commentaries/ Prof.Dr.Nurettin UZUNOGLU
The Meaning of THE HOLY QUR’AN/ Abdulla Yusuf Ali